ރެފަރެންޑަމް ހުއްޓުވައިދިނުމަށް ހުށަހެޅި މައްސަލައިގައި މާދަމާ ހުކުމް ކުރަނީ ރެފަރެންޑަމް ހުއްޓުވައިދިނުމަށް ހުށަހެޅި މައްސަލައިގައި މާދަމާ ހުކުމް ކުރަނީ

ރިޔާސީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި އެވެ.
ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.
އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން މާޗު 26، ގައި އަޑުއެހުމެއް ބާއްވާފައިވާއިރު މާދަމާ 13:00 ގައި މި މައްސަލައިގެ ހުކުމް ކުރަން އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އެ މައްސަލާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ވަނީ ހިމަނާފަ އެވެ.
"ރައްޔިތުންނަށް ސާފުވާން އެބަޖެހޭ ސުވާލެއް ރައްޔިތުންގެ ކުރިމައްޗަށް އަންނައިރު މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. ގެ ދެވަނަ ނަންބަރުގެ ދަށުން މި ވަނީ ކީއްކަން ރައްޔިތުންނަށް ސުވާލުން ސާފުވާން ޖެހޭ. ރައްޔިތުންނެއް ނުޖެހޭނެ ބިލު ބަލައިގެން މި ވަނީ ކީއްތޯ ބަލާކަށް. ހިޔާލު ހޯދަން މި ޖެހޭ ސަބަބަކީ މަޖިލީހުގެ އުމުރަށް ބަދަލެއް އަންނާތީ،" މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވަކީލު ޝިޔާމް ވިދާޅުވި އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލާގައި އެދުނީ ރައީސް ނެރުނު ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. އާ ހިލާފު އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ފެންނަ ނުފެންނަ ވޯޓު ބާއްވަން ނުޖެހޭ ކަމަށް ކަނޑައަޅައި ދެވޭނެ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
މި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނުކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ