ތިނަދޫގައި މި ރޯދަމަހު ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް މަނާކޮށްފި

ރޯދަ މަހުގެ އަޅުކަމަށް އިސްކަން ދިނުމުގެ ގޮތުން، ގދ. ތިނަދޫގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް މި އަހަރު ވެސް ނުބާއްވަން އެ ރަށު ކައުންސިލުން އަންގައިފި އެވެ.ތިނަދޫ ކައުންސިލުން  ނެރުނު އިއުލާނެއްގައި ބުނީ މިއަހަރުގެ ރަމަޟާން މަހަކީ ވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ހާއްސަ ދުވަސް ތަކަކަށް ހެދޭތޯ އަދާކުރަންޖެހޭ ދައުރު އަދާކުރަން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބައެއް ކަންކަން ނުކުރުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ.އެގޮތުން ތިނަދޫ ސިޓީގައި ހުރި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާއަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާން މަހުގެ މަގުސަދު ހާސިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފަ އެވެ.ކައުންސިލުން ބުނީ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަކާއި އެ ނޫން ވެސް ތަންތަނުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް ނުހިންގޭނެ ކަމަށެވެ. އަދި ގޭގޭގައި ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް ވެސް ކައުންސިލުން ވަނީ އަންގައިފަ އެެވެ.ރޯދަ މަހާ ގުޅުން ހުރި ކަމެއް ރާވާ ނަމަ، ދުރާލައި ރޭވުމުގެ އިތުރުން އެކަން ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގަން ޖެހޭނެ ކަމަށާއި އެކަން ކުރަންވާނީ އަޅުކަމުގެ ވަގުތަށް ދަތިނުވާނެ ގޮތަށް އަދި އާންމުންނަށް ވެސް ބުރައަކަށް ނުވާނެހެން ކަަމަށް އެ އިދާރާ އިން ބުންޏެވެ.ކައުންސިލުން ވަނީ ކައުންސިލަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި، ގަސްތުގައި އެ އުސޫލުތަކާއި ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށް ބުނެފައެވެ.އަދި އެ ކަންކަމާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި ކައުންސިލުން ފިޔަވަޅު ވެސް އަޅަމުންގެންދާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ