އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިފިނަމަ އެކަން ކުރަން އިންޑިއާ ސިފައިން ދެކޮޅު ހަދާނަމަ އެ މީހުންނަކީ "ހިސޯރުކުރާ ބާރެއް"ގެ ގޮތުގައި ބެލޭނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް އާ ސަރުކާރުން އަންގައިފިނަމަ އެ މީހުން ޖެހޭނީ ސުލްހަވެރިކަމާ އެކު ރާއްޖެއިން ފައިބަން ކަމަށެވެ.
"އެމީހުން [ރާއްޖެއިން ފައިބަން] ދެކޮޅު ހަދާނަމަ އެމީހުން ބެލެވޭނީ 'ހިސާރުކުރާ ބާރެއްގެ' ގޮތުގައި،" އުމަރު ވިދާޅުވި އެެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް މީގެކުރިންވެސް އަޑުއުފުއްލެވި އުމަރު ވަނީ އެމީހުންނާ ދެކޮޅަށް ތެދުވާނެ ކަމަށް ކުރިންވެސް ވިދާޅުވެފަ އެވެ.
އުމަރު އިތުރަށް ވިދާޅުވީ ބައިނަލްއަގާވާމީ ޤާނޫނުގެ ދަށުން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ދެކޮޅު ހެދުމުގެ ހައްގު ފަލަސްތީންގެ ރައްޔިތުންނަށްވެސް ލިބިގެންވާ ކަމަށެވެ. ދެކޮޅު ހެދުމުގެ ގޮތުން ހަތިޔާރު ބޭނުންކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އަވަށްޓެރި އިންޑިއާ އިން ކަޝްމީރުގެ ބޮޑު ބައެއް ހިސޯރުކޮށްގެން އުޅޭތީ ކަޝްމީރުގެ ރައްޔިތުންނަށްވެސް އިންޑިއާއާ ދެކޮޅު ހެދުމުގެ ހައްގު އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭންގައި އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފެއްޓެވުމުގެ ވާހަކަފުޅެވެ.
ރައީސްގެ މި ވާހަކަފުޅު އަމާޒުވަނީ އިންޑިއާއަށް ކަމުގައި ފަހުން ދެއްކެވި އެހެން ވާހަކަފުޅުތަކުގައި އިތުރަށް ސާފުވެސްކޮށްދެއްވި އެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާ އާއި އެކު މަޝްވަރާކުރެވެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އިންޑިއާ އާއި އެކު ވެސް އަދި އެހެން ގައުމުތަކާ އެކު ވެސް ގާތްގުޅުން ބާއްވާނީ އެ ގައުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމު ކުރާ ގައުމެއް ކަމަށްވާނަމަ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ރައީސް ޑރ. މުއިއްޒުގެ ޕްލޭންގައި ހިމަނުއްވާފައިވެ އެވެ.
އިންޑިއާ ސިފައިން ނުފައިބައިފިނަމަ ހިސޯރުކޮށްގެން ތިބި ބައެއް ކަމަށް ދެކޭނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ