ދުންފަތުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓުގަ ޝަހީމްގެ ދަރިކަލުން؛ 1.2 މިލިއަން ނުދައްކާ އެބަ އޮތް

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ މީހުންގެ ތެރެއިން ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓު، އެ ގާނޫނުގައި ލާޒިމުކޮށްފައި އޮންނަ ގޮތުގެ މަތިން ކަސްޓަމްސް އިން އާންމުކުރަން ފަށައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސް އިން އާންމުކުރި ލިސްޓުގެ 58 ވަނަ ނަންބަރުގައި އޮންނަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމްގެ ނަމެވެ.
ތަފްސީލް - ލިސްޓުން ފެންނަ ގޮތުގައި މާހިލް، ސީބްރީޒް/ގދ. ތިނަދޫ ކަސްޓަމްސްއަށް ނުދައްކާ އޮތް ފައިސާ 1.23 މިލިއަން ރުފިޔާއަށް އަރަ އެވެ.
ލިސްޓު އާންމުކުރި އިއުލާނުގައި ކަސްޓަމްސްއިން ބުނީ ފައިސާ ނުދައްކާ ހުރި މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި އެ ތަހުގީގުތައް ނިމެމުންދާ ވަރަކަށް ލިސްޓު އަދާހަމަކުރާއިރު އޭގެ ތަފުސީލުތައް ހިމަނާނެ ކަމަށް ވެސް ބުންޏެވެ.
ޖުމުލަ 680 ފަރާތެއްގެ ނަން ލިސްޓުގައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ނުދައްކާ އޮތް ސަލްޓަންސް އޮފް ސީސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އެކަނި އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާއަށް 110 މިލިއަން ރުފިޔާ އަރަ އެވެ.
ފަސްމަންޒަރު - މާހިލް އާއި އިތުރު މީހަކު އަދަދެއްގެ ވޭޕް ސާމާނުތަކަކާ އެކު މިދިޔަ 14 އޮގަސްޓްގެ ރޭ މެލޭޝިއާއިން ރާއްޖެ އައުމުން، އެއާޕޯޓުގައި ތިބި ކަސްޓަމްސްގެ އޮފިސަރުންނެވެ. އެ ދެ މީހުންގެ އަތުން ވެސް ގިނަ އަދަދެއްގެ ވޭޕް ސާމާނު ހިފަހެއްޓި އެވެ.
އިތުބާރުހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، އެ ދެ މީހުންގެ އަތުން 200އަށް ވުރެ ގިނަ ވޭޕް ސްޓިކް އަތުލައިގެންފައިވެ އެވެ. އެގޮތުން:
މާހިލް އެތެރެކޮށްފައި ވަނީ 100އެއްހާ ވޭޕް ސްޓިކް
ދެން ހުރި މީހާ އަތުން ވެސް ގާތްގަނޑަކަށް އެ އަދަދަށް ވޭޕް ސްޓިކް އަތުލައިގެންފައިވޭ
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލަ ތިލަވި އިރު މާހިލް ހުންނެވީ ރައީސް މުހައްމަދު މުއިއްޒަށް ލަފާ އަރުވާ، ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ވެސް ގޮތުގަ އެވެ. ނަމަވެސް މި ކަމާ ގުޅިގެން ފާޑުކިއުންތައް އަމާޒުވުމާ އެކު، މާހިލް އެ ބޯޑުން އިސްތިއުފާ ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ