ޑޮލަރުގެ އަގު 22 ރުފިޔާއަށް ބޮޑުވާނެ: އަބްދުލްގަފޫރު
ސަރުކާރުން މަސައްކަތްކުރަނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ މިއަދު ލޯނަކަށް ބަދަލުކޮށް ޗާޕުކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ އަގު މާދަން 22 ރުފިޔާއަށް ބޮޑުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.އެސްއީޒެޑް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ގަފޫރު ވިދާޅުވީ މި ސަރުކާރު ގެނެވުމަކީ ހެދުނު ގޯހެއްކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. މި ވެރިކަމުގައި ރައްޔިތަކަށް އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށާއި މި ވެރިކަމަކީ ރައްޔިތުންނަށް އަނިޔާއަކަށްވެފައިވާ ކަމަށް ގަފޫރު ވިދާޅުވި އެވެ."އެއްކަމެއް ވެސް ނުވޭ، މުޅިންވެސް ރައްޔިތުންނަށް ތަކުލީފު އޮތީ، ރައްޔިތުންނަށް އޮތީ އަނިޔާވެރިކަން، މި ސަރުކާރަކީ އަނިޔާއަކަށް ރައްޔިތުންނަށް ވެއްޖެ މިހާރު، މިކަމުން ސަލާމަތް ވާންވެއްޖެ، މިއީ ބޮޑު މުސީބާތެއް ރައްޔިތުންނަށް ޖެހިފައި އޮތް،" ގަފޫރު ވިދާޅުވި އެވެ.ގަފޫރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކުޑަކުރާނެ ކަމަށް ބުނި ޑޮލަރުގެ އަގު މިވީހައި ދުވަސްވީރު ވެސް ކުޑަ ނުކުރެވުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑުވި ކާބޯތަކެތީގެ އަގު ވެސް ހެޔޮނުވާ ކަމަށް އެނާ ވިދާޅުވި އެވެ. އެކަމަށް ހައްލު ނުހޯދި އުޅެނިކޮށް، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރީމާ މާދަމާ ޑޮލަރުގެ އަގު 22 އަށް އަރާނެ ކަމަށް ގަފޫރު ވިދާޅުވި އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ރައްޔިތުން އިންތިޚާބުކުރީ ތަނަވަސް ދިރިއުޅުމެއް ހޯދަން ކަމަށާއި، ނަމަވެސް ރައްޔިތުން މިއަދު އުޅެނީ ދެރަ ނިކަމެތި ހާލުގައި ކަމަށް އަބްދުލްޣަފޫރު ވިދާޅުވިއެވެ. މަޝްރޫއުތަކަށް ޚަރަދުކުރާނެ ފައިސާ ބަޖެޓުގައި ނެތްކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ޑްރޯންތައް ގެންނަކަން އޭނާ ފާހަގަކުރެއްވިއެވެ."ސަތޭކަ މިލިއަން ޑޮލަރު ޚަރަދުކޮށްފި އެކަމަށް މިހާރު، ދެން ކޮން ވާހަކައެއް ދައްކަނީ ކޮން ލާރި ނެތް ވާހަކައެއް މި ދައްކަނީ؟ ލާރި ހުރެގެން ކުރާ ކަންކަން އެއީ، ރައްޔިތުންނަށް ކަމެއް ކޮށްދޭން ވެއްޖިއްޔާ ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވެއްޖިއްޔާ ލާރި ހުރޭ، އެއިން ޑްރޯނެއް ގަތް އަގު އެނގޭ ރައްޔިތަކު މި ގައުމުގައި ނެތް،" އަބްދުލްޣަފޫރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ