11 އަހަރުގެ ޖަލު ހުކުމް ބާތިލް ކޮށް ރައީސް ޔާމީންގެ މައްސަލަ ބަލަން އަމުރުކޮށްފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމުން އެ މަނިކުފާނު މިނިވަންވެ ވަޑައިގެންފިއެވެ.
އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހެވެ. އެ މައްސަލައިގައި އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.
ހައިކޯޓުން އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމް އިއްވާފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައެވެ.
މިއަދު އެ މައްސަލާގެ އިސްތިއުނާފުގެ ހުކުމްއިއްވާފައިވާއިރު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހަސަން ޝަފީއު އާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ. ރިޔާސަތު ބެއްލެވީ ފަނޑިޔާރު ޝަފީއުއެވެ. މިއަދު އިއްވި ހުކުމް އިއްވަވާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ މިދިޔަ ނޮވެންބަރުމަހުގެ ތެރޭގައި ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެ މަނިކުފާނު މިނިވަންވެ ވަޑައިގެންނެވިއިރު ހުންނެވީ ރަށު ބަންދެއްގައެވެ.
އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައިވާއިރު އެ މައްސަލާގައި ހިމެނޭ ފެލިދޫ ދާއިރާގެ މެންބަރުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް ދަށު ކޯޓުން އަލުން ބަލަން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ