ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މިސްކިތަކުން ކަރަންޓް ކެނޑުނީ އެ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނަގަން ބަޔަކު މަސައްކަތް ކުރުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހަސަން އާދަމް މިސްކިތުގައި ރޭ ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް އެ މިސްކިތުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މިސްކިތުން ކަރަންޓުގެ ޚިދުމަތް ރޭ މެދުކެނޑިފައިވަނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކުކޮށްލައިގެން ބަޔަކު ވަދެ އޭގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުން ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވި އެކަން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށް ވެސް ފަހުމީގެ އިތުރު ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
’’ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން.’’ ފަހުމީ ރޭ ކުރެއްވި މި ޕޯސްޓްގައި ވިދާޅުވެފަވެއެވެ.
ފަހުމީ ވިދާޅުވީ، އެކަމަކީ އެކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން ސްޓެލްކޯއިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
’’މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން.’’ ފަހުމީ ވިދާޅުވެފަވެއެވެ.
މިސްކިތުން ކަރަންޓް ކެނޑުނީ ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުން: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ