އިންތިގާލީ ސަރުކާރުގެ ވާހަކައަކީ ނަޝީދު ވެރިކަމަށް އައުމަށް ޖަހާ މަޅިއެއް: އުމަރު
އިންތިގާލީ ސަރުކާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައުމަށް ޖަހާ މަޅިއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިއަދު ކޮށްފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ އެކަމުގައި އޮތް ހަމައެކަނި ތަފާތަކީ ކޮލެރާ އާއި ޝިގެއްލާ އާ ދެމެދު ހުންނަ ތަފާތު ކަމަށެވެ. އެ ދެބައްޔަކީވެސް "ވޭންބޮޑު" ދެބަލި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އުމަރު އެހެން ޓްވީޓު ކުރައްވާފައި ވަނީ އިންތިގާލީ ސަރުކާރެއްގައި މައުމޫނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ވެސް އެ ސަރުކާރާ އެކު ތިބޭނެ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކާ އެކުގަ އެވެ. Interim Govt is a ploy by RN to return to power. Small difference between Cholera & Shigella, both are painful. https://t.co/7Xqv1jNVFz — Umar Naseer (@UmarNaseerPPM) September 6, 2016 ރައީސް ނަޝީދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އާއެކު ރައީސް މައުމޫނު ހުންނެވި ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް އިންތިގާލީ އެރޭންޖްމެންޓުތަކެއް ހަދަން ޖެހޭ ކަމަށާއި އެ ކަންކަމުގައި ރައީސް މައުމޫނާއި އެމަނިކުފާނަށް ވަފާތެރި ފަރާތްތައް ހިމެނޭނެ ކަމަށެވެ. ނަޝީދު އެހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނީ، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ފާސްކުރަމުންދާ ބައެއް ގާނޫނުތަކާ މެދު މައުމޫން ހިތްހަމަޖެހިވަޑައި ނުގަންނަވާތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ބައެއް ބިލުތަކަށް ތާއީދުކޮށް ވޯޓު ދިނުމަށް ރައީސް ޔާމީން އަންގަވާފައިވާ އިރު، އެ ބިލުތަކަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ކަމަށް ވިދާޅުވެ، ވޯޓު ނުދެއްވުމަށް ވެސް މައުމޫން އަންގަވާފައިވެ އެވެ. އޭގެ ތެރޭގައި ބިޑު ކުރުމެއް ނެތި ރަށްރަށާއި ފަޅުތައް ވިއްކޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއި، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ