އިންޑިއާއާއެކު މިއަދު މި ގަތާލި ގުޅުން މުގުރާލާނެ ރާޅެއް ދެނެއް ނުނަގާނެ: މުއިއްޒު އިންޑިއާއާއެކު މިއަދު މި ގަތާލި ގުޅުން މުގުރާލާނެ ރާޅެއް ދެނެއް ނުނަގާނެ: މުއިއްޒު

އިންޑިއާއާއެކު މިއަދު ގަތާލި ގުޅުން މުގުރާލާނެ ރާޅެއް ދެން ނުނަގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ ދެކަނބަލުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެއްވާ ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއް ކަނޑެއްގައި ހިމެނޭ ރާއްޖެ އާއި އިންޑިއާގެ ގުޅުން މިއަދު ގާތާލީ މި ކަނޑުން ނަގާ ރާޅަކުން ވެސް މުގުރާ ނުލެވޭ ވަރަށް ކަމަށެވެ.
"އެއް ކަނޑަކުން މިއަދު އަހަރުމެންގެ ގުޅުން މި ގަތާލީ އެއްވެސް ރާޅަކުން މުގުރާ ނުލެވޭ ވަރަށް،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގެ އިތުރުން ރާއްޖޭގެ ރައްޔިތުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ރަހްމަތްތެރި ގުޅުން ބަލައިގަންނަ ކަމަށާއި އެހީއަށް ބޭނުންވާ ކޮންމެ ވަގުތަކު ވެދެއްވާ އެހީތެރިކަން ވެސް ބަލައިގަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ އިތުބާރު ކުރެވޭ ގައުމުކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ގުޅުން، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ފެށިގެން ވިޔަފާރި އަދި ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއިން ވެސް ވަރަށް ބަދަހި ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުގައި މިހާތަނަށް ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައި، އަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ދެ ގައުމުގެ ދެމެދުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، މީގެ ކުރިން ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގޮތަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މޯދީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ދެއްވި ދައުވަތަށެވެ.
މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ގައުމެއްގެ ފުރަތަމަ ވެރިޔާއަށެވެ.
އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެ ކުރި އިންޑިއާ އައުޓު ކެމްޕޭނުން ތާއިދު ހޯއްދަަވައިގެން މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާ ދުރުކޮށްލައި، ޗައިނާ އާއި ތުރުކީ އާއި ގާތް ގުޅުމެއް ބާއްވައި، އިންޑިއާ އަށް ބަދު ބަސްތައް ސީދާ މުއިއްޒު ވެސް ރައްދު ކުރައްވާފައިވެ އެވެ.
ނަމަވެސް މޯދީ އަށް މިއަދު މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލްގައި ހުށަހެޅި ލަވައިގައި އިންޑިއާއަކީ "ދީލަތި، ވަފާތެރިއެއް" ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ