ޔާމީން ބައިވެރިވާ ބޮޑު ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަނީ ޔާމީން ބައިވެރިވާ ބޮޑު ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ފުރަތަމަ ބޮޑު ޖަލްސާ ބުރާސްފަތި ދުވަހު ރޭ އާޓިފިޝަލް ބީޗްގައި ބާއްވަން ނިންމައިފި އެވެ.
"ވޭކް އަޕް ނައު" ގެ ނަމުގައި ބާއްވާ އެ ޖަލްސާ ރޭ އިއުލާނުކޮށް، ދަނީ އިސްތިހާރު ކުރަމުންނެވެ.
އެ ޖަލްސާގައި ޔާމީން ވެސް ބައިވެރިވާނެ ކަމަށް ޕީއެންއެފްގެ އޮފިޝަލުން ބުނެ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ޕީއެންއެފް އުފެއްދުމަށް ފަހު ޕާޓީގެ ޖަލްސާތައް ބާއްވަމުން ގެންދަނީ ޔާމީންގެ އަމިއްލަގެ، ހ. ދޫވެހީގައި ހަދާފައިވާ ޕީއެންއެފްގެ އޮފީހުގަ އެވެ.
ޔާމީން ބޮޑު ޖަލްސާއެއް މި ބާއްވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ގާތްވެފައި ވަނިކޮށް ލާމަރިކަޒީ ބާރުތައް ވެސް އަދި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް މުއިއްޒު ނަގާފައި ވަނިކޮށެވެ.
މިފަދަ އެތައްގެ ސަބަބުން ކުރިއަށް އޮތް މަސްދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މުހައްމަދު މުއިއްޒު ބަހައްޓަން ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބޭނުން ނުވާނެ ކަމަށާއި އެންމެ ރީތި ގޮތަކީ ވެރިކަން ނުކުރެވުނު ކަމަށް އަމިއްލައަށް ގަބޫލުކޮށް މަގާމުން އިސްތިއުފާ ދިނުން ކަމަށް މި ވެރިކަން ޕީއެންސީއަށް ހޯދައިދެއްވި ޔާމީން ވިދާޅުވެފައިވެ އެވެ.
އަދަދު ނޫހުން މިދިޔަ ބުދަ ދުވަހުގެ ރޭ ގެނެސްދިން އެތެރެފުށް ޕްރޮގުރާމުގައި، ކުރިއަށް އޮތް ދައުރު މުއިއްޒުއަށް ކާމިިޔާބު ކުރެވިދާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ ރައްޔިތުން އުޅެމުން ދަނީ އިންތިހާއަށް ދަތި ހާލުގައި ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ވެސް އެހާ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމުގެ ހާލަތު މިހެން އޮއްވައި ކުރިއަށް އޮތް މަސް ދުވަހު ވެސް ވެރިކަމުގައި މުއިއްޒު ހުންނަވައިގެން ވާނެ ފައިދާއެއް ކިޔައިދޭނެ މީހަކު ރައްޔިތުންގެ ތެރޭގައި ނުހުންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ