އަންނަ އަހަރުގެ އަޟުހާ އީދު ބަންދުގައި ފެމެލީ ކޯޓުން ކައިވެނިކޮށް ނުދޭން ނިންމައިފި

އެހެން އަހަރުތަކާ ޚިލާފަށް، އަންނަ އަހަރުގެ ބޮޑު އީދު ބަންދާ ގުޅިގެން ފެމިލީ ކޯޓުން ކައިވެނިކޮށް ނުދޭން ނިންމައިފިއެވެ. މީގެ ކުރިން ކޮންމެ އަހަރެއްގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދެއެވެ. ނަމަވެސް ފެމިލީ ކޯޓުން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ އަންނަ އަހަރަށް ފެމިލީ ކޯޓުން ކައިވެނިކޮށް ނުދޭނެ ދުވަސްތަކާއި އެ ކޯޓުން ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ހާމަކޮށްފައެވެ. އެގޮތުން ބޮޑު އީދުގެ މުނާސަބަތުގައި އަންނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އަދި 28 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކައިވެނިކޮށް ނުދޭނެ ކަމަށް އެ އިއުލާނުގައިވެއެވެ. އަންނަ އަހަރު ފެމިލީ ކޯޓުން ކައިވެނި ކޮށްދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކަށް މާ ބޮޑު ބަދަލުތަކެއް ގެނެސްފައި ނުވާއިރު ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައި ވަނީ ހެނދުނު 09:30އިން ފެށިގެން 11:30އަށެވެ. އަދި މެންދުރުފަހު 13:00އިން 13:30އަށެވެ. ހަމައެއާއެކު އެ ދުވަސްތަކުގެ ނުރަސްމީ ގަޑީގައި ކައިވެނިކޮށްދޭން ހަމަޖެހިފައިވަނީ 16:00އިން ރޭގަނޑު 21:30އަށެވެ. މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވަނީ ހަވީރު 16:00އިން ފެށިގެން ރޭގަނޑު 21:30އަށެވެ. ފެމެލީ ކޯޓުން މިގޮތަށް ނިންމި ނަމަވެސް ރަށްރަށުގައި އެ ނިންމުން ނިންމާނީ އެ ކޯޓުތަކުން އަމިއްލައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ