ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަނުގައި 4121 މީހުންނަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޖޫން 6، ގައި ބާއްވާ އިންތިހާބުގައި ވޯޓުލާން ޝަރުތު ހަމަވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރީ މިއަދު އެވެ. މިއަދު އާންމު ކުރި ލިސްޓަކީ ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަނެ، ފައިނަލް ކުރި ލިސްޓެވެ.
ހިތަދޫ އުތުރު ދާއިރާގެ އިންތިހާބުގައި އިލެކްޝަންސް އިން ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓާނެ އެވެ. އޭގެ ތެރެއިން ދެ ފޮށި ބަހައްޓާނީ މާލޭގަ އެވެ.
އެ އިންތިހާބުގައި ވާދަ ކުރައްވާނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަބްދުﷲ ސޯދިހު (ސޯބެ) އާއި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގައި ކުރިން އިންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުނީ އޭނާގެ ކިބައިން މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް އޭޕްރީލް 12، ގައި ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. މެންބަރު ކަމުގެ ޝަރުތު ގެއްލުނީ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދިޔުމުންނެވެ.
ހުކުމާ އެއްގޮތަށް ސިނާނު ނުދެއްކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައި އޮތް ފަސް މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނު އޭނާ އަދާ ކުރީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުނެވެ. އެހެންކަމުން، އޭނާއަށް ވެސް އަލުން މަޖިލިސް މެންބަރުކަމަށް ކުރިމަތިލެވޭނެ އެވެ.
ބައި-އިލެކްޝަނުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ވިދިވިދިގެން ތިން ދައުރު ފުރުއްވާފައިވާ އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލީ ހަމައެކަނި ސޯބެ އެވެ. އެހެންކަމުން އޭނާއަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވީ އިންތިހާބަކާ ނުލާ އެވެ.
2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނު ކާމިޔާބު ކުރެއްވީ 1079 ވޯޓާއެކު 39 ޕަސެންޓު ވޯޓާއެކު އެވެ. އެންމެ ކައިރިން ވާދަކުރެއްވީ ނަވާރަވަނަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަސްލަމްއަށް 838 ވޯޓު ލިބިވަޑައިގަތެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4121 މީހުންނަށް ވޯޓު ލެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ