ގެއްލުން ފޫބެއްދުމަށްޓަކައި ކަރަންޓުގެ އަގު ބޮޑު ކުރެވޭތޯ ބަލަނީ

ސްޓެލްކޯ އަށް ވަމުންދާ ގެއްލުން ފޫބެއްދުމަށްޓަކައި ކަރަންޓުގެ އަގު މިހާރަށްވުރެ ބޮޑުކުރަން މަސައްކަތްކުރައްވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި މެނޭޖިން ޑިރެކްޓަރު އަބުދުއްޝުކޫރު ވިދާޅުވީ ސްޓެލްކޯގެ ކަރަންޓުގެ އަގާއި ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށް ބަލާއިރު ސްޓެލްކޯ އަށް މިހާރު އަހަރަކު 50 މިލިއަން ރުފިޔާވަރު ގެއްލުން ވާނެ ކަމަށެވެ. އަދި 100 މިލިއަން ރުފިޔާ އިން މިހާރު ނުފުދޭނެ ކަމަށާއި ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް ޝުކޫރު ވިދާޅުވި އެވެ.
"އަންނަ އަހަރަށް ވެސް 50 މިލިއަން ރުފިޔާގެ ސަބްސިޑީޒެއް ބޭނުންވާނެ. ނޫންނަމަ ދެކޮޅެއް ނުޖެއްސޭނެ،" ޝުކޫރު ވިދާޅުވި އެވެ.
ސްޓެލްކޯއަކީ ދަރަންޏަށް ޒިންމާވާ ގޮތަށް ހިންގާ ކުންފުންޏެއް ކަމަށް ވިޔަސް ގެއްލުން ފޫބެއްދުމަށް ޓަކައި ލޯނެއް ނެންގެވުމަށް މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށް ވެސް ޝުކޫރު ވިދާޅުވި އެވެ.
ސްޓެލްކޯގެ އިސްވެރިންގެ ޕެނަލަކާ އެކު ބޭއްވި ނޫސްކޮންފަރެންސްގައި ސްޓެލްކޯ އިން ބުނީ ހަގީގަތުގައި ކުންފުންޏަށް ގެއްލުމެއް ނުވާ ކަމަށާއި މައްސަލައަކީ ސަރުކާރުން ވިދާޅުވެގެން ކަރަންޓު އަގު ހެޔޮ ކުރުމުން ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ދާންޖެހޭ ވަރުގެ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އަށް ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމަށްޓަކައި ކަރަންޓުގެ އަގު ބޮޑުކުރަންޖެހޭ ކަމަށް ދާދި ފަހުން މިނިސްޓަ އޮފް ފިނޭންސް އެންޑު ޓްރެޜަރީ ގާސިމް އިބްރާހީމް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ