ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ތަހްގީގުކުރަން ހޯމް މިނިސްޓަރަށް ލަފާދީފި

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ތަހްގީގުކުރުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ހޯމް މިނިސްޓަރު ހަސަން އަފީފަށް ލަފާދީފި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާތީ، ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރުން ހުއްޓުވުމާއި ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ފުލުހުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭތީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ އެ މައްސަލަ ބަލައިފަ އެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ރިއާޔަތްކޮށް، އެ މައްސަލަ ބަލައި އިންޓަގްރިޓީ ކޮމިޝަނުން ނެރުނު މީޑިއާ ރިޕޯޓުގައި ބުނެފައިވަނީ ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައަކީ ފުލުހުން ތަހްގީގުކުރަންޖެހޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން އަމަލުކުރެއްވުމަށް ހޯމް މިނިސްޓަރަށް އެ ކޮމިޝަނުން ވަނީ ލަފާއަރުވައިފަ އެވެ. "ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އަބްދުﷲ މުހައްމަދު މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހައްޔަރުކުރި މައްސަލަ ވީ އެންމެ އަވަހަކަށް ތަހްގީގްކުރައްވައި އެކަމާ ގުޅޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގަވައިދެއްވުން،" ހޯމް މިނިސްޓަރަށް އެރުވި ލާފާގައިވެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންތައްތަކުގައި ބުނެފައިވަނީ ފަނޑިޔާރަކު ހައްޔަރުކުރަންޖެހޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަކާ އެކުގައި ކަމަށް ފަނޑިޔާރުންގެ ގާނޫނުގައިވާ ކަމަށެވެ. ނަމަވެސް ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ އެ ފަދަ އެއްވެސް އަމުރެއް ހޯދުމަކާ ނުލައި ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ވެސް އެ ކޮމިޝަނުން ބުނި ގޮތުގައި އަބްދުﷲ ގާޒީ ހުރީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، އެކަމާ ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފުލުހުންގެ ފަރާތުން ވަނީ އެނގިފަ އެވެ. ފުލުހުންގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި އުޅޭ އެންމެހާ މީހުންނާއި އެބައިމީހުންގެ ގެދޮރު ރައްކާތެރިކޮށްދިނުމާއި ޖިނާއީ ކުށްތައް ތަހްގީގްކުރުން ހިމެނިފައިވާ ކަމަށް އިންޓަގްރިޓީ ކޮމިޝަނުން ބުންޏެވެ. އަދި ފަރުދުންގެ ފުރާނަ އާއި މުދަލާއި ގޯތިގެދޮރު ހިމާޔަތްކުރުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި ޖިނާއީ ކުށުގެ އަމަލުތައް ހުއްޓުވައި އެ އަމަލުތަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ވެސް ފުލުހުންގެ މަގްސަދު ތެރޭގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށް އެ މައްސަލާގައި އިންޓްގްރިޓީ ކޮމިޝަނުން ފާހަގަކޮށްފައިވާ ނުކުތާތަކުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ