ކަރަންޓުގެ ހިދުމަތް ދޭން ޖެހޭނީ އެންމެންނަށް ހަމަހަމަ އުސޫލަކުން: އައްޑޫ މޭޔަރު

މާލެ އާއި އަތޮޅުތެރޭގައި ކަރަންޓްގެ ހިދުމަތުން ނަގާ އަގު ހަމަހަމަ ކުރުމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ގޮވާލައްވައިފި އެވެ. ލިލީ އެންޓަޕްރައިޒަސްގެ އައްޑޫ ފިހާރަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކުން ކަރަންޓްގެ ހިދުމަތަށް ނަގާ އަގުތަކުގައި ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ. މިސާލަކަށް ބަލާ ނަމަ އައްޑޫގެ ވިޔަފާރިތަކުން ކަރަންޓްގެ އަގު އެބަ ނަގާ މާލެ އަށް ވުރެ ދެ ގުނަ ބޮޑުކޮށް. ކަރަންޓަކީ އަސާސީ ހިދުމަތެއް. އެ ހިދުމަތް އެންމެންނަށް ލިބެން ޖެހޭނީ ހަމަހަމަކޮށް، އޭގައި ތަފާތެއް އޮވެގެން ނުވާނެ.--ސޯބެ އެހެން ނަމަވެސް އެެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި ހިދުމަތް ލިބެން ޖެހޭނީ އެންމެންނަށް އެއް އުސޫލަކުން ކަމަށް އޭނާ ވިދާޅުވިި އެވެ. ސޯބެ ވިދާޅުވީ ކަރަންޓުން ނަގާ އަގަށް ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް އަންނަން ޖެހޭނީ ޑީސަލަށް ކުރަން ޖެހޭ ހަރަދު ތަފާތު ވެގެން ކަމަށެވެ. އެކަމަކު މިހާރު އެކަން ކުރަނީ، އެ އުސޫލުން ނޫން ކަމަށާއި ހާއްސަކޮށް މާލެ އާއި ދެކުނުގެ އަތޮޅުތަކުގައި ކަރަންޓްގެ ހިދުމަތުން ނަގާ އަގުގައި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އެއީ ދެ ގުނަ ބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސޯބެ ވިދާޅުވީ މިދިޔަ މާޗް މަހުން ފެށިގެން ވިޔަފާރިވެރިންގެ ކަރަންޓް ބިލަށް "ކުއްލި ގޮތަކަށް" ގެނައި ބަދަލަކީ ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މޭޔަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުން އައްޑޫގައި އިންވެސްޓް ކުރަމުން ދިއުމަކީ އުފާ ކުރައްވާ ކަމެކެވެ. އެކަމަކު ސަރުކާރުން ވިޔަފާވެރިންނާ ދޭތެރޭ އަމަލު ކުރާ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ވިޔަފާރިތައް ކުރިއަރާނީ ވިޔަފާރިވެރިންނަށް އެކަމަށް މަގުފަހިކޮށް ދީގެން ކަމަށެވެ. ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން، އައްޑޫގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ މައްސަލަ އަށް ހައްލެއް ލިބޭތޯ ވިޔަފާރިވެރިން އަންނަނީ ތަފާތު ގޮތްގޮތަށް މަސައްކަތްތަކެއް ކުރަމުންކަން ވެސް ފާހަގަ ކުރެވެ އެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ މާޗް މަހުން ފެށިގެން ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ބަދަލު އައީ ކުރިން ދެމުން ގެންދިޔަ ކަރަންޓް ސަބްސިޑީ ކަނޑާލައި، އެނާޖީ އޮތޯރިޓީން 2009 ގައި ފާސް ކުރި ޓެރިފްތަކަށް ބިލް ކުރަން ފެށުމުންނެވެ. އެހެން ނަަމަވެސް ވިޔަފާރިވެރިން ބުނަނީ އެ މީހުންނަށް ދުވަހަކު ވެސް ކަރަންޓް ސަބަސިޑީއެއް ނުލިބޭ ކަމަށާއި ކަރަންޓްގެ އަގު ފެނަކައިން ބޮޑު ކުރީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ