ސަކޯޒީ ބަލިކުރެއްވުމަށްފަހު، ހޮލާންޑު ރިޔާސީ އިންތިހާބު ކާމިޔާބުކުރަށްވައިފި

ޕެރިސް (7 މޭ) – ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، މިހާރުގެ ރައީސް ނިކޮލަސް ސަކޯޒީ ބަލިކުރެއްވުމަށްފަހު، އިދިކޮޅު ސޯޝަލިސްޓުންގެ ކެންޑިޑޭޓް ފުރެންކޮއިސް ހޮލާންޑު ރިޔާސީ އިންތިހާބު ކާމިޔާބުކުރަށްވައިފިއެވެ.
އިންތިހާބުގެ ދާއިމީ ނަތީޖާ އަދި އިއުލާންކޮށްފައިނުވާ ނަމަވެސް، ވަގުތީ ނަތީޖާ ދައްކާ ގޮތުން ސާފު އަގުލަބިއްޔަތަކާއި އެކު އިންތިހާބު ކާމިޔާބުކުރަށްވާފައިވަނީ ހޮލާންޑެވެ.
ހޮލާންޑަށް އިންތިހާބުން 52 އިންސައްތައިގެ އަގުލަބިއްޔަތަކުން ކުރި ލިބިވަޑައިގެންފައިވާއިރު، ހޮލާންޑު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ވަރަށް ސާފު ކަމަށާއި، ފަރަންސޭސިވިލާތުގެ ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށެވެ.
ފަރަންސޭސި ރައީސް ނިކޮލަސް ސަކޯޒީ ވަނީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންފައިވާކަން އިއުލާންކުރަށްވަމުން ވަނީ، ހޮލާންޑަށް މަރުހަބާ ވިދާޅުވެފައެވެ.
ފަރަންސޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ހޮލާންޑަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އުފާ ފާޅުކުރަމުންނެވެ. ހޮލާންޑު ވަނީ ކާމިޔާބީއަށްފަހު، ތާއިދުކުރާ ފަރާތްތަކާއި މުހާތަބުކުރަށްވާ ވާހަކަފުޅު ދައްކަވާފައެވެ.
ހޮލާންޑުގެ ވާހަކަފުޅުގައި ފަރަންސޭސި ރައްޔިތުންނަށް އާ އުއްމީދެއް ގެނެސްދިނުމުގެ ގާބިލްކަން އޭނާގެ ކިބައިގާ ހުރުމުން އެކަމާއި އުފާކުރަށްވާ ކަމަށެވެ.
މިއީ 1980 ވަނަ އަހަރު ފުރެންކޮއިސް މިޓަރެންޑު ފަރަންސޭސިވިލާތުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން، ސޯޝަލިސްޓުންގެ ކެންޑިޑޭޓެއް މިމަގާމަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ