އަލި މަނިކުގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އުމަރު ބައިވެރިވަނީ

އަލްމަރުހޫމް އަލީ އުމަރު މަނިކު (ކޮލި އަލި މަނިކު)ގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބަކު ބައިވެރިކުރަން ރައީސް އަބްދުﷲ ޔާމިން ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަލި މަނިކުގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ކަމަށެވެ.
އަލި މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ އެމަނިކުފާނުގެ އާއިލާއަށް ގުޅުއްވާ ތައުޒިޔާ ދަންނަވާފަ އެވެ. އަދި މިހިތާމައިގައި ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.
އަލި މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމިން ވިދާޅުވީ އަލި މަނިކަކީ ރާއްޖެ މިއަދު މިދެކޭ ތަރައްގީގައި މުހިއްމު ހިއްސާއެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށެެވެ.
އަލި މަނިކު އަވަހާރަވުމާއި ގުޅިގެން އިދިކޮޅު އެމްޑީޕީން ނެރުނު ތައުޒިޔާގެ ބަޔާނުގައި ބުނެފައިވަނީ އަލި މަނިކަކީ ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރީގައި ކާމިޔާބު ހޯއްދެވި އާދަޔާ ހިލާފު ޝަހުސިއްޔަތެއް ކަމަށެވެ.
އަލި މަނިކު ރަސްމީ ގޮތެއްގައި ސަރުކާރުގައި ހިދުމަތް ކުރައްވަން ފެއްޓެވީ 1958 ވަނަ އަހަރު އެވެ. ދިވެހި ސަރުކާރުގެ ތަފާތު އެތައް މަގާމެއްގައި 50 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ސަރުކާރުގެ ވަޒީފާތަކުން ވަކިވެވަޑައިގެންނެވީ 2008 ވަނަ އަހަރު އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިގްތިސޯދީ ދާއިރާއިން ރާއްޖެއިން ބޭރުގައި ދިވެހި ސަރުކާރަށް ގިނަ ދުވަސް ތަކެއް ވަންދެން މުހިއްމު މަސައްކަތްތަކެއް އަލި މަނިކު ވަނީ ކޮށްދެއްވާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ޝިޕިން ކުންފުނި، އެމްއެންއެސްއެލްގެ އެންމެ އިސްވެރިއެއްގެ ގޮތުގައިވެސް ގިނަ ދުވަސްތަކަކު މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާފައިވެ އެވެ.
އަލި މަނިކު ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ނައިބް ރައީސް ކަންވެސް ދުވަސްކޮޅަކު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ