އުސް ފަސްގަނޑު މައްސަލާގައި ސިވިލް ކޯޓުން ނެރުނު ދެ އަމުރުގެ އަޑުއެހުންތައް ނިންމާލައިފި

އުސް ފަސްގަނޑު މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ދެ އަމުރު ދައުލަތުން އިސްތިއުނާފްކުރުމުން އޭގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.ދައުލަތުން އިސްތިއުނާފްކުރީ އުސް ފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ނެރުނު އަމުރާއި އެތަނުން ފުލުހުން ގެންދިޔަ ތަކެތި އެމްޑީޕީއާ ހަވާލުކުރަން ސިވިލް ކޯޓުން ނެރުނު އަމުރެވެ.އުސް ފަސްގަނޑު ރޫޅާނުލުމުގެ އަމުރާ ބެހޭ ގޮތުން ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލް އަހުމަދު އުޝާމް ވިދާޅުވީ އެ އަމުރު ނެރުނު އިރު އެ އަމުރަށް ޖަވާބުދާރީވުމަށް ދައުލަތަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާ ކަމަށެވެ.އެގޮތުން އޭނާ ވިދާޅުވީ އެ މައްސަލައިގައި އަމުރު ނެރުނު ރޭ ކޯޓަށް އައުމަށް އަންގާފައިވަނީ ވެސް  30: 21 ހާއިރު ކަމަށާއި ކޯޓަށް ދިޔައިރު ވެސް ދައުވާ އަކީ ކޮބައިކަން އެނގިފައިނުވާ ކަމަށެވެ. އެހެންވުމުން ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދުމުން ފުރުސަތު ދިން ކަމަށާއި އެކަމާ ގުޅޭ ލިޔުންތައް ހިފައިގެން ފުލުހުން އޭރު އުޅުނީ ކޯޓަށް އައުމުގެ މަގުމަތީގައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.ދެވަނަ ފަހަރަށް އަޑުއެހުން ފެށުމުން ފުލުހުން އުޅެނީ ކޯޓަށް އައުމުގެ މަގުމަތީގައި ކަމަށް ގާޒީ އަރިހުގައި ދެންނެވުމުން ވެސް އަމުރާ މެދު ދައްކާނެ ވާހަކަ އެވަގުތު ދައްކާ ނިންމުމަށް ގާޒީ އެންގެވި ކަމަށް އުޝާމް ވިދާޅުވި ވެ. އެހެންވުމުން އަމުރަށް ފުރިހަމައަށް ޖަވާބުދާރީވެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.އުޝާމް ވިދާޅުވީ އެ އަމުރު ނެރެފައިވަނީ ހަމައެކަނި އެމްޑީޕީގެ ހައްގުތަކާއި މަސްލަހަތަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ. އަދި އެއީ އަމުރުތައް ނެރޭ މަފްހޫމްތަކާ ހިލާފަށް ނެރުނު އަމުރެއް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.އެހެންކަމުން އުސް ފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.އަމުރަށް ޖަވާބުދާރީވަމުން އެމްޑީޕީގެ ވަކީލް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ އެ އަމުރު ނެރުނީ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށާއި އަމުރު ނެރެފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރާއިރު އޭގެ ބޭނުން ކެނޑިދާނެ ކަމަށް ބެލެވިގެން ކަމަށެވެ. އަދި އޭރުގެ ހާލަތަށާއި ވަގުތަށް ބަލާއިރު އަމުރަށް ޖަވާބުދާރީވުމަށް ދައުލަތަށް އެކަށީގެންވާ ފުރުސަތު ސިވިލް ކޯޓުން ދިން ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.އެހެންކަމުން އެ އަމުރު ބާތިލްކޮށްދެވެން ނެތް ކަމަށް ކަނޑައަޅައިދިނުމަށް އަފީފް ވަނީ އެދިވަޑައިގެންފަ އެވެ.އެ އަޑުއެހުން ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުން ނިމުނި ކަމަށާއި އެ މައްސަލައިގެ ހުކުމް މާދަމާ އިއްވަވާނެ ކަމަށެވެ.ވަކިވަކިން ބޭއްވި ދެވަނަ ޝަރީއަތުގައި އޮތީ އުސް ފަސްގަނޑު ސަރަހައްދުން ފުލުހުން ގެންދިޔަ ތަކެތި އެމްޑީޕީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފްކުރުމެވެ.އެ އަމުރު އިސްތިއުނާފްކުރަމުން އުޝާމް ވިދާޅުވީ ތަކެތި ހަވާލުކުރުމުގެ އަމުރު ނެރެފައިވަނީ އެތަން ރޫޅާނުލުމަށް ކުރިން ނެރުނު އަމުރު ތަންފީޒުކުރުމުގެ ގޮތުން ކަމަށް އަމުރުގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ތަން ރޫޅާނުލުމަށް އަމުރު ނެރުމުން އެ އަމުރަށް ފުލުހުން ތަބާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.އެހެންކަމުން ފުރަތަމަ ނެރުނު އަމުރަށް ފުލުހުން ތަބާވެފައި ވަނިކޮށް އެ އަމުރު ތަންފީޒުކުރުމުގެ ދެވަނަ އަމުރެއް ނެރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އެހެންކަމުން އެ އަމުރު ބާތިލްކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.އެ މައްސަލައިގެ އަޑުއެހުން ވެސް މިއަދު ވަނީ ނިންމާލާފަ އެވެ.އުސް ފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނުއިރު އެތަނުގެ ބޮޑު ބައެއް ރޫޅާލައި ގިނަ އަދަދެއްގެ ތަކެތި ފުލުހުންނާއި ސިފައިން ވަނީ ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ