ޕްރޮސިކިއުޓާ ޖެނެރަލް އިންތިހާބުކުރުމުގެ މައްސަލާގައި ވެސް ޕީޕީއެމުން ފެންނަނީ ދެބައިވުމުގެ މަންޒަރު ކަމަށާއި އެ ޕާޓީ ބައިބައިވެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްކައިރިކުރައްވައި ރާއްޖެ އިން ބޭރުގައި ބެހެއްޓެވުމަކީ ރައީސް އަބްދުﷲ ޔާމީން ކުރައްވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ތާރީހު އިއާދަވެ، 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވެސް ބޭރު ގައުމެއްގައި ބަހައްޓަވާނެ ކަމަށެވެ. މައުމޫނަކީ ރައީސް ޔާމީންގެ ބޭބޭފުޅަށް ވާތީ އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ބަޔަކަށް ހީވިއަސް އެއީ ރަނގަޅު ހީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ތާރީހަށް ބަލާއިރު ރަންނަބަނޑޭރި ކިލެގެފާނު ރާއްޖެ އިން ބޭރުގައި ހުންނެވިއިރު ވެސް ރާއްޖޭގެ ވެރިކަމުގައި ތިއްބެވީ ދުރު ބޭފުޅުންނެއް ނޫން. އިބްރާހިމް ދީދީ ބޭރުގައި ހުންނެވިއިރު ވެސް ވެރިކަމުގައި ތިއްބެވީ ދުރު ބޭފުޅުންނެއް ނޫން. އަޅުގަނޑު ދަންނަވާނީ ޕީޕީއެމްގެ ހަމަނުޖެހުން އިންތިހާ އަށް އުފުލިގެންދާ ތަން ފެންނާނެ. މި ސަރުކާރެއް އަޅުގަނޑަކަށެއް ނުފެނޭ ދެމިއޮންނަ ތަނެއް،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން، މުޖުތަމައުގައި ނުތަނަވަސްކަމުގެ އުދާސްތައް އުފައްދައިގެން ގައުމު ހަލަބޮލިކުރަން މަސައްކަތް ކުރަމުންދާ ކަމަށް މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ "އެއީ މާ ކުރީ ޒަމާނުގެ ބަހުރުވައެއްގައި، ދެއްކެވި ވަރަށް ކާޓޫނު ވާހަކަފުޅުތަކެއް" ކަމަށެވެ. މިނިވަން ދުވަހުގެ ޖަލްސާގައި ގިނަ މަޝްރޫއުތަކެއްގެ ވާހަކަ ރައީސް ޔާމީން ދެއްކެވިއިރު އެއީ ހަގީގަތަކަށްވާ މަންޒަރު ނުފެންނަ ކަންތައްތަކެއް ކަމަށާއި ރައީސް ޔާމީނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ކަމެއް މިހާތަނަށް ފެންނަން ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީން އެބަ ވިދާޅުވޭ ހަލަބޮލި ކަމަށް ސޮއްސާލަން އެބޭފުޅާ ޖާގައެއް ނުދެއްވާނަމޭ. އެ ވިދާޅުވަނީ އެއްވެ އުޅުމުގެ މިނިވަންކަން ރާއްޖޭގެ ރައްޔިތުންނަށް ލިބުމަކަށް ޖާގައެއް ނުދެއްވާނަމޭ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެ ބޭފުޅާ ޖާގަ ނުދެއްވާ ކަމަށްވަންޏާ އަޅުގަނޑުމެން ވަރަށް ސާފުކޮށް ރައީސް ޔާމީނަށް ދަންނަވަން ޖެހޭނީ ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އަޅުގަނޑަށް ޔަގީން ކަށަވަރު ދިވެހިން އަދިވެސް ތެދުވާނެކަން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިނިވަންކަމުގެ ޖަލްސާގައި އެމްޑީޕީ އަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމުގެ އެއްވެސް މަސައްކަތެއް ނުކުރެވުމުން ދައްކަވާ ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށެވެ. ސަރުކާރުން ފެންނަނީ ފަހަށް ޖެހި ނިކަމެތިވުމުގެ މަންޒަރު ކަމަށާއި ރައީސް ޔާމީންގެ ހަރުދަނާ ހާރިޖީ ސިޔާސަތު ހިންގަވާ ތަނެއް ނުފެންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަޝީދުގެ އިންޓަވިއު.
ނަޝީދު ވިދާޅުވި ގޮތުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާގެ އިސް މަގާމެއްގައި ރާއްޖެ އޮންނައިރު ފަލަސްތީނު މައްސަލާގައި ވެސް ރާއްޖެ އަށް އެއްޗެއް ބުނެވުނީ މާ ލަހުންނެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮތުމަށް އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މި ކަންކަން ހުންނައިރު ގައުމާ ދީނަށްޓަކާއޭ ވިދާޅުވެ ވާހަކަ ދައްކަވައި އޮޅުވާލައްވަމުން ގެންދަވާނެ. އޭގެ ހުރިހާ ސިއްރަކީ ރައީސް ޔާމީނަށް، ޖުމްހޫރީ ޕާޓީގެ އިއްތިހާދު ގެއްލިފައިވާތީވެ، އަދި އަމިއްލަ ގޭގެ ބޭފުޅުން އެ ބޭފުޅާއާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތައް އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ. އަޅުގަނޑަކަށް ނުފެނޭ އެފަދަ ވާހަކަތައް އެހާ ބާރަށް ދައްކަވަމުން ހިންގަވާކަށް،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރު ހިންގެވުމުގައި ރައީސް ޔާމީންގެ ކޮންޓްރޯލެއް ނެތް ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން ރޭ ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ވަޒީރުންގެ މަޖިލިސް ކޮންމެ ހަފުތާއަކު ބާއްވައި ނިންމުންތައް އާއްމުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަޒީރުންގެ މަޖިލީސް ނުބާވާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެގޮތަށް ވަޒީރުންނާ ބައްދަލުނުކުރައްވާއިރު، ހާރިޖީ ސިޔާސަތުގެ ދޭއް ނުވަތަ ތިން ސިޔާސަތު ވެސް ފެންނާނެ ކަމަށާއި އެއިން ލިބޭ ހިތި ނަތީޖާ ފެންނަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ، ސަރުކާރުގެ މަޝްރޫއުތައް ވެސް ހިންގަމުންދާ ތަން ނުފެންނަ ކަމަށާއި މަސްވެރިކަމުން ލިބޭ ފައިދާ ދަށްވެ، މަހުގެ އަގު ދަށްވަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ޓެކްސްގެ ބޮޑުވެ ވިޔަފާރީގެ ފައިދާ ވެސް ކުޑަވެ، އިގްތިސާދީ ކަންކަން ފެންނަނީ ވަރަށް "ބަނަކޮށް" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރާއްޖެ އަށް [ޖީއެމްއާރަށް ދައްކަން ޖެހޭ ދަރަނި ފަދަ] އެފަދަ ދަރަނިތައް ދެއްކޭނެ ގޮތެއް ނެތް. ބައެއް ބޭފުޅުންނަށް ހީފުޅު ވަނީ ގިނަ އަދަދެއްގެ ވަގު ފައިސާ ނުވަތަ މިބާވަތުގެ ގޮތް ނޭނގޭ ބޮޑެތި އަދަދުތަކުގެ ރުފިޔާއާ އެކުގައި އިންވެސްޓަރުންގެ ގޮތުގައި ގައުމުތަކުން ފެންނަ ބޭފުޅުންނާ އެކީގައި ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ނިޒާމް ހަމަޖެއްސިދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ "އެގޮތަށް އެކަމެއް ނުވާނެ" ކަމަށެވެ. އެފަދަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ކަންކަން ކުރަން ދަތިވެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމް އެ ދަނީ ދެބައިވުމަށް، މައުމޫން އަދި އެއްކައިރި ކުރައްވާނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ