ވަގުތީ ހުއްދައެއްގެ ދަށުން މިހާރު ހިންގަމުން އަންނަ އަމީރު އަހުމަދު ސްކޫލުގެ މައްސަލަ ބޮޑުވެ، ބެލެނިވެރިންތަކެއް އެޑިއުކޭޝަން މިނިސްޓްރީ އަށް މިއަދު ހިނގައްޖެ އެވެ.
އެ ސްކޫލުގެ ޕީޓީއޭގެ ރައީސް ނުޒުހަތު ޝަމީމް ބުނި ގޮތުގައި މި އަހަރު ފެށުނީއްސުރެ ވަގުތީ ހުއްދައެއްގެ ދަށުން ހިންގަމުން އަންނަ އެ ސްކޫލަށް އަހަރުގެ ކިޔެވުން ނިމޭއިރު ވެސް ދާއިމީ ހައްލެއް ލިބިފައި ނުވާތީ ސްކޫލުގައި ދަރިވަރުންގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
އަމީރު އަހުމަދު ތަރައްގީކުރުމަށް އައިލެންޑާސް ގުރޫޕުން ހަވާލުވި ފަހުން އެ އެޓާނީ ޖެނެރަލުން ވަނީ އެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫން ކަމާއި އެތަނުގެ ހިންގުން ބަޔަކާ ހަވާލުނުކުރެވޭނެ ކަމަށް އަންގައިފަ އެވެ. އެކަމަކު ސްކޫލުގެ ކިޔެވުން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ކޯޓުން ވަނީ ވަގުތީ ހުއްދައެއް ދޫކޮށްފަ އެވެ.
ނުޒުހަތު ބުނީ އަންނަ އަހަރު އަމީރު އަހުމަދުގެ ދަރިވަރުން ކިޔަވާނެ ތަނެއް ނޭނގޭތީ އެ ސްކޫލުގެ 300 އެއްހާ ބެލެނިވެރިން ކަންބޮޑުވެފައިވާ ކަމަށެވެ. އަދި އެކަން އެކި ފަހަރު މަތިން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް މައްސަލަ އަށް ހައްލެއް އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
އަމީރު އަހުމަދުގެ 50 ހަކަށް ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދާ ބައްދަލުކުރުމަށް މިނިސްޓްރީ އަށް ދޔަ ނަމަވެސް އޭނާ ރަށުގައި ނޫޅުއްވާތީ ބައްދަލުވާ ގޮތް ވަނީ ނުވެފަ އެވެ. އެކަމަކު މިރޭ މިނިސްޓަރާ ބައްދަލުކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އައިލެންޑާސް ގްރޫޕުގެ ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން އަމީރު އަހުމަދުގައި ޕްރީ ސްކޫލަކާއި އިންޓަނޭޝަނަލް ސްކޫލެއް އެޅުމަށް ނިންމާފައިވީ ނަމަވެސް، މައްސަލަ އަދި ވަކި ގޮތަކަށް ނުނިމޭތީ މަސައްކަތް އެންމެ ރަނގަޅަކަށް ކުރިއަކަށް ނުގެންދެވެ އެވެ. އެކަމަކު މިހާރު އަމީރު އަހުމަދުގައި ކިޔަވަމުން އަންނަ ގްރޭޑް ދިހައަކާއި ޕްރީ ސްކޫލުގެ ދަރިވަރުންނަށް އެ ތަނުން އަންނަނީ ތައުލީމު ފޯރުކޮށްދެމުންނެވެ.
އަދްލީ ވިދާޅުވި ގޮތުގައި ސްކޫލު ތަރައްގީ ކުރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދެވޭނީ އެ މައްސަލައިގައި އޭޖީން ވަކި ގޮތެއް ނިންމުމުންނެވެ.
ނުޒުހަތު ބުނީ އައިލެންޑާސް އިން އަޅާ އާ ސްކޫލުގެ މަސައްކަތް، ޕްރައިވަޓައިޒް ކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން އެންމެ ބާރުމިނުގައި ކުރިއަށް ނުދާ ކަމަށެވެ. އަދި ސްކޫލުގެ މަސައްކަތް ނިމުނަސް އެތަން ހިންގުމުގެ ހުއްދަ ނުލިބޭތީ އިތުރަށް ހަރަދު ކުރެވެން ނެތް ކަމަށް އައިލެންޑާސް އިން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އައިލެންޑާސް އިން ވަނީ އަމީރު އަހުމަދު ޕްރީ ސްކޫލު ކުރިން ހިންގަމުން އައި އިމާރާތް ތަޅާލައި، ދިހަ ބުރީގެ އާ އިމާރާތެއް އަޅަން މަސައްކަތް ފަށައިފަ އެވެ. އަދި މި އަހަރުގެ ކިޔެވުން ފެށެން ވާއިރަށް ސްކޫލު ނިމޭނެ ކަމަށް ލަފާކުރި ނަމަވެސް އިމާރާތް ނުނިމުމުން ސްކޫލުގެ ކިޔެވުން ވަނީ އަމީރު އަހުމަދުގެ ބޮޑު އިމާރާތަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެތަނުގައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭ ގޮތާ މެދު ބެލެނިވެރިން ހިތްހަމައެއް ނުޖެހެ އެވެ.
މި މައްސަލައިގައި އަދި ގޮތެއް ނުނިމޭތީ ކަންބޮޑުވުން ފާޅުކޮށް، އެ ސްކޫލުގެ ޕީޓީއޭން ވަނީ އެޓާނީ ޖެނެރަލަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.
އަމީރު އަހުމަދު ސްކޫލުގެ މައްސަލައިގައި ބެލެނިވެރިން މިނިސްޓްރީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ