ވިޕްލައިނާ ހިލާފުވުމުން މެމްބަރު މަރުޒޫގު މާފަށް އެދިވަޑައިގެންފި

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓް ދޭން އެމްޑީޕީން ތްރީ ލައިން ވިޕް ނެރެފައިވަނިކޮށް، މަޖިލީހުގެ އެ ޖަލްސާ އަށް ވަޑައިނުގެންނެވުމުން ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރުޒޫގު މާފަށް އެދިވަޑައިގެންފި އެވެ. މަރުޒޫގު މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން މި މަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ އަށް ވަޑައިނުގެންނެވުނީ ކުރިން ރާވާފައި އޮތް ދަތުރެއްގައި ސްރީ ލަންކާގައި އޭނާ ހުންނަވަން ޖެހިވަޑައިގަތުމުންނެވެ. "އެހެންވެ އެ ޖަލްސާއަށް ނާދެވުނީ. ޕާޓީގެ މުހިންމު ނިންމުމަކާ އަޅުގަނޑަށް ހިލާފުވެވުމުން އެކަމަށް މެމްބަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން. ދެން މިފަދަ ކަމެއް ތަކުރާރެއް ނުވާނެ،" މަރުޒޫގު ވިދާޅުވި އެވެ. މި މައްސަލާގައި މައާފަށް އެދިވަޑައިގެން އޭނާ ވަނީ އެމްޑީޕީ އަށް ވެސް ސިޓީ ފޮނުވައިފަ އެވެ. މަރުޒޫގުގެ އިތުރުން ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީން ވެސް ވަނީ، ވިޕްލައިނާ ހިލާފުވި މައްސަލާގައި މާފަށް އެދިވަޑައިގެންފަ އެެވެ.ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ފާސްކުރި ޖަލްސާއަށް އެމްޑީޕީގެ ހަ މެމްބަރަކު ވަޑައިނުގަންނަވަ އެވެ. އޭގެ ތެރޭގައި މަރުޒޫގާއި ޔާމީންގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެމްބަރު މޫސާ މަނިކާއި ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމާއި މުލަކު ދާއިރާގެ އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގު އަދި ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ 23 މެމްބަރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު މުއުތަސިމް މަގާމު ވަކިކުރި ޖަލްސާއަށް ވަޑައިނުގެންނެވުމުން ފިޔަވަޅު އަޅަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ. އެ މެމްބަރުންނާމެދު އަޅާނެ ފިޔަވަޅެއް، ފިޔަވަޅު އަޅާ ކޮމިޓީން މާދަމާ ނިންމާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ