އުސް ފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި

އުސް ފަސްގަނޑު ރޫޅާލުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން ދަނިކޮށް އެތަން ރޫޅާނުލުމަށް ސިވިލް ކޯޓުން ރޭ ވަގުތީ އަމުރެއް ނެރެފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ވަގުތީ އަމުރެއް ނެރެފައިވަނީ އެގޮތަށް އެތަން ރޫޅާނުލެވޭނެ ކަމަށް ކަނޑައަޅައިދިނުން އެދި އެމްޑީޕީން ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެފަދަ އަމުރަކަށް އެދުމުންނެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ އެތަނުގައި ހުރި އެމްޑީޕީގެ ތަކެތި ރޭ 00: 10 ގެ ކުރިން ގެންދިއުމަށާއި އެ ތަކެތި އެ ގަޑިއަށް ނުގެންގޮސްފި ނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ބުނެ ފުލުހުން އިއްޔެ އެމްޑީޕީ އަށް ސިޓީއެއް ފޮނުވުމުން ސިޓީއަކުން އެގޮތަށް ނޭންގޭނެ ކަމަށް ކަނޑައަޅައިދިނުން އެދި އެވެ.
އެ މައްސަލައިގައި ރޭ ބޭއްވި ފުރަތަމަ އަޑުއެހުމުގައި ގާޒީ ވަނީ ވަގުތީ އަމުރެއް ނެރެންދެން އެތަން ރޫޅާނުލުމަށް އެންގުމަށް ދައުލަތުގެ ވަކީލް އަހުމަދު އުޝާމަށް އަންގަވާފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން ބޭއްވި ދެވަނަ ޝަރީއަތުގައި އުޝާމް ވިދާޅުވީ އެ މައްސަލައިގައި ފުރިހަމައަށް ޖަވާބުދާރީވެވޭނީ އޭގެ ލިޔުންތައް ލިބިގެން ކަމަށާއި އެ ލިޔުންތައް ހިފައިގެން ފުލުހުންގެ ފަރާތުން ކޯޓަށް އައުމުގެ މަގުމަތީގައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ވަގުތީ އަމުރާ މެދު ދައްކަން ބޭނުންވާ ވާހަކަތައް އެ ގަޑީގައި ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ.
އެގޮތުން އުޝާމް ވިދާޅުވީ އުސް ފަސްގަނޑަކީ ސިޓީ ކައުންސިލްގެ ތަނެއް ނޫން ކަމަށާއި ސަރުކާރުގެ ތަނެއް ކަމަށެވެ. އަދި އެތަން ސަރުކާރާ ހަވާލުކުރުމަށް އެންގުމުން ވެސް ހަވާލުކޮށްފައިނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެ މައްސަލައިގައި އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އެދިފައިވާ ފަދަ ވަގުތީ އަމުރެއް ނުނެރެފި ނަމަ ދައުވާކުރާ ފަރާތަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން ދައުވާގެ މަގްސަދު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކުރާ ކަމަށް ބުނެފައިވެ އެވެ.
ވަގުތީ އަމުރު ނެރުމުން އެމްޑީޕީގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ ވަގުތީ އަމުރު ނެރެންދެން އެތަން ރޫޅާނުލަން ދައުލަތުގެ ވަކީލް އަންގަވާފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް އުޝާމް ވިދާޅުވީ އެތަން ރޫޅާލުމުގެ އޮޕަރޭޝަން ކުރިއަށްދާ ފަރާތާ ގުޅޭނެ ގޮތެއްގެ މައުލޫމާތު ލިބިފައިނުވާތީ އެކަން އޭޖީ އޮފީހުގައި ދަންނަވާފައިވާނެ ކަމަށެވެ.
ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު ފުލުހުންނާއި ސިފައިން ވަނީ އުސް ފަސްގަނޑު ސަރަހައްދުގެ ބޮޑު ބައެއް ރޫޅާލާފަ އެވެ. އެހެންނަމަވެސް ކޯޓުން އަމުރު ނެރުމާ އެކު އެ މަސައްކަތް ހުއްޓާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ