މާލީ ދާއިރާގެ ގާނޫނުތައް ވީހާ އަވަހަކަށް އިސްލާހުކޮށްދޭން ގަވަރުނަރު ގޮވާލައްވައިފި
ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލީ ދާއިރާ އާ ގުޅުންހުރި އިސްލާހުތަކަށް އިސްކަން ދިނުމަށް އެމްއެެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އެދިލައްވައިފި އެވެ. އެމްއެމްއޭގެ 38 ވަނަ އަހަރީ ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ މާލީ ދާއިރާ މޮނީޓާކޮށް ސުޕަވައިޒްކުރުމަށް އެމްއެމްއޭ އިން މަސައްކަތް ކުރާ ކަމަށެވެ. ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް މާލީ ދާއިރާއިން ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަން ފާހަގަ ކުރައްވާ ގަވަރުނަރު ވަނީ އެދާއިރާ އާއި ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ހުށަހެޅުމަށް އެދިލައްވައިފައެވެ. އެމްއެމްއޭގެ 38 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް "ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލީ ދާއިރާ އާ ގުޅުންހުރި އިސްލާހުތަކަށްވެސް ހާއްސަ އިސްކަމެއް ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް،" ގަވަރުނަރު ވިދާޅުވި އެވެ. ގަވަރުނަރު ވިދާޅުވީ އެމްއެމްއޭ އަކީ ރައްޔިތުން އިތުބާރުކުރާ ތަނަކަށް އެމްއެމްއޭ ހެދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އެމްއެމްއޭގެ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ. "އޮތޯރިޓީގެ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް އަޅުގަނޑުމެން މިދަނީ ގެންނަމުން. ރައްޔިތުންގެ އިތުބާރު ވަރުގަދަކުރުމަށް އަޅަންޖެހޭ ވަރަށް ގިނަ ފިޔަވަޅުތައް މިދަނީ އަޅަމުން،" ގަވަރުނަރު ވިދާޅުވި އެވެ. ޒަމާނަށް އަންނަ ބަދަލާއެކު މާލި ދާއިރާ އަށް ގެންނަން ޖެހެ ބަދަލުތައް ގެނައުމަށް އެމްއެމްއޭ އިން މަސައްކަތް ކުރާ ކަމަށާއި ޑިޖިޓަލް ކަރަންސީ އާއި ދިމާއަށް ކުރާ ދަތުރު އަންނަ އަހަރާއި ހަމައަށް ނިންމާލެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. "އެމްއެމްއޭގެ އަމާޒަކީ ޓެކްނޮަލޖީގެ ގޮތުން ކުރިއެރުންތައް ހޯދާ އިންގިލާބީ އަދި އީޖާދީ ބަދަލުތައް މި ދާއިރާ އަށް ގެނައުން. މޯލްޑިވް ޕޭމަންޓް ސިސްޓަމްގެ ޕްރޮޖެކްޓް އަންނަ އަހަރު ނިންމާ އޭގެ ލުއިފަސޭހަކަން ދިވެހިންނަށް ލިބެގެން ދާނެ،" އެމްއެމްއޭގެ 38 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް "އެމްއެމްއޭ އިން މާލީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންތަކަށްވުރެ، މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމަށާއި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރާ މަސައްކަތްތައް އަދި މާގިނަ. ވަކިވަކި މާލީ ކުންފުނިތަކަ އަދި މުޅި ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުމަކަށް ކުރިމަތިލެވޭނެ މިންވަރަށް މި ދާއިރާ ތައްޔާރަށް އޮތްކަން އެބަ ޔަގީންކުރަން ޖެހޭ،" ގަވަރުނަރު ވިދާޅުވީ މާލީ ދާއިރާ އަށް ފާރަވެރިވެ އެކަށީގެންވާ ފިޔަވަޅުތައް އެމްއެމްއޭ އިން އަޅަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ