ތިމަރަފުށީ ދާއިރާގެ މެންބަރު މުޞްޠަފާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
މުސްތަފާ: މެދުމިނަށް ތާޢީދު މުޒާހަރާގައި | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާގެ ގޮނޑި މިއަދުން ފެށިގެން ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.މިޙުކުމްކުރީ މުޞްޠަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ކުރައްވާފައިވާ ދައުވާއާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ. މުޞްޠަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކުރީ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ އަޣުލަބިއްޔަތުންނެވެ.މުޞްޠަފާގެ މައްޗަށް އުމަރު ކުރައްވާފައިވާ ދައުވާގައި ބުނެފައި ވަނީ ކުރިން ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާ ނަންގަވާފައިވާ 31،231.66 ޑޮލަރު ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކަވާފައިނުވާތީ، މަޖިލީހުގެ މެންބަރެއްގެ ފުރިހަމަވާންޖެހޭ ޝަރުތުތައް މުސްތަފާގެ ފުރިހަމަވެފައިނުވާ ކަމަށެވެ. އެހެންކަމުން މުޞްޠަފާ މެންބަރުކަމުން ވަކިކޮށްދިނުމަށް ވަނީ ދައުވާކުރައްވާފައެވެ.މިޙުކުމާ ގުޅިގެން ބައެއް މީޑިއާތަކުގައި މުޞްތަފާ ވިދާޅުވީ، މިހުކުމް ގަބޫލުނުކުރާ ކަމަށާއި، މިމައްސަލައިގައި ހިމެނޭ ފައިސާ ދެއްކުމަށްފަހު ބައި އިލެކްޝަންގައި އޭނާ ކުރިމަތިލައި ވަރަށް ޔަގީންކަމާއެކު އެގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.އެމްޑީޕީން ސުނާމީ ބިނާ ސަރަހައްދުގައި ރޭ ބޭއްވި މުޒާހަރާގައި މުޞްތަފާ ވަނީ ގާނޫނާ ހިލާފަށް އޭނާއަށް ހުކުމެއް ކޮށްފިނަމަ އެކަމުގެ ބަދަލު ހިއްޕަވާނެ ކަމަށް ވިދާޅުވެ ފަނޑިޔާރުނަށް އިންޒާރު ދެއްވާފައެވެ. މުސްތަފާ ވިދާޅުވީ “ސުޕްރީމް ކޯޓުން އެއްވެސް ގޮތެއް ނުހެދޭނެ” ކަމަށާއި “އެއްވެސް ކަމެއް ނުކުރެވޭނެ” ކަމަށެވެ.“…އަޅުގަނޑަށް ގާނޫނާ ހިލާފަށް ހުކުމެއް ކޮށްފައި މި ގައުމުގައި ނޫޅެވޭނެ. އަޅުގަނޑު މި ބުނަނީ ހަމަ ބުއްދީގައި. ހަމަ ސަލާމަތުން ހުރެގެން،” މުސްތަފާ ރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ