މެމްބަރުންގެ މަސައްކަތް ހުރީ ދުނިޔެ ފިތްކަނޑައިގެންދާ ވަރަށް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މަސައްކަތް ހުރީ "ދުނިޔޭގެ ބަޔަކު ފިތްކަނޑައިގެންދާ" މިންވަރަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެމްބަރުންނަށް ވަރަށް ބޮޑަށް މިއަދު ތައުރީފް ކުރައްވައިފިއެވެ.
މަޖިލިހުގެ ޖަލްސާ ހެނދުނު ސަޔަށް މެދުކަނޑާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން 19 ވަނަ މަޖިލިސް އިންތިހާބު ކުރީ ތަފާތު ކަންކަން ކުރާން ކަމަށެވެ. އަދި އުނދަގޫ މައްސަލަތައް ރާއްޖޭގައި އޮތީމަ، އެ މައްސަލަތަކާ ގުޅޭ ގޮތުން ހައްލު ހޯދައި ބަހުސް ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއަށް ފަހު، ނަޝީދު ވަނީ މެމްބަރުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މަރުހަބާ ދަންނަވައިފައެވެ.
"މެމްބަރުން ތި ގެންދަވަނީ ދުނިޔޭގެ ބަޔަކު ފިތްކަނޑައިގެންދާނެ މިންވަރަށް ސާބިތުކަމާ އެކީގައި އެ މަސައްކަތް ކުރަމުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުން އެއް ވިސްނުމެއްގައި، އެއް އަމާޒެއްގައި ތިބެވިއްޖެ ނަމަ، މި ޖީލަށް ދިމާވަމުންދާ މައްސަލަތައް އަންނަން އޮތް ދަރިންގެ ޖީލަށް ދިމާނުވެ ހޯދިދާނެ ކަމަށެވެ. އަދި މެމްބަރުން އިންތިހާބުވީ އެ ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލިހަށް ހުށަހަޅާ މައްސަލަތަކުގެ ޒާތުގެ ސަބަބުން މެންބަރުން ކަންބޮޑުވެގެން އުޅެނީ ކޮންމެ ވެސް އެއްބަސްވުމެއް، ކޮންޓްރެކްޓެއް ނުވަތަ ބިޑެއްގެ މައްސަލައަކާ ގުޅިގެން ކަމަށް ބަޔަކު ހިތަށް އެރި ނަމަވެސް މެންބަރުންގެ ކަންބޮޑުވުން ގުޅިފައިވަނީ ސީދާ ރައްޔިތުންގެ ކަންކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެގޮތަށް ވިދާޅުވި އިރު، މެމްބަރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިދިޔަ މެއި މަހުގެ ޗުއްޓީ ނުންނަގަވައެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އަދި މެމްބަރުން މެމްބަރުން މެއި މަހުގެ ތެރޭގައި ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް މަޖިލިހުގެ ގަވައިދުގައި އޮވެއެވެ.
އެކަމަކު، ކޮވިޑް-19 އާ ގުޅިގެން މަޖިލިހުގެ މެމްބަރުން ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ