މެމްބަރުންނަށް އަމާޒުކޮށް "ރެއިޑްކުރަން" ފުލުހުންތަކެއް އެބަ އުޅޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ރެއިޑްތަކެއްކުރަން ވަކިވަކި ފުލުހުންތަކެއް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އެހުމަށް ޓަކައި ރަނގަބީލު ޖެހުމަށް ފަހު ދެއްވި ހުސްވަގުތުކޮޅުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މައުލޫމާތު ލިބިވަަޑައިގެންފައިވާ ގޮތުގައި އެގޮތަށް ކަންތަައް ކުރަން އުޅެނީ ވަރަށް މަދު ފުލުހުންތަކެއް ކަމަށެވެ. އެ ފުލުހުން އުޅެނީ މެމްބަރުންގެ ގެކޮޅަށާއި ސައިކަލަަށް، އެހެން ރައްޔިތުންނަށް ނުދޭ ވަރުގެ ސަމާލުކަމެއް ދޭން މަސައްކަތް ކުރަން އުޅޭ ކަމަށާއި އެއީ ފުލުސް އޮފީހުގެ އުސޫލާ ހިލާފަށް ކަމެއް ކަަމަށް ވިދާޅުވި އެވެ.
"ދެވަނަ ވާހަކައަކަށް ދަންނަވަން އޮތީ ވަރަށް އުނދަގޫ ވާހަކައެއް. އަޅުގަނޑަށް ވަރަށް މައުލޫމާތު އެބަލިބޭ ފުލުހުންގެ ތެރެއިން މަދު ބޭފުޅުންކޮޅެއް މަޖިލީހުގެ މެމްބަރުންގެ އެކިއެކި ކަންކަން ރެއިޑްކުރުމަށް، ބެލުމަށް މަސައްކަތްކުރަމުންދާ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެއާ ގުޅުވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު އަންނަނީ ފުލުހުންގެ ބިލްގެ މަސައްކަތް މަޖިލީހުން ކުރަމުން ކަމަށާއި އެ ބިލްގެ ސަބަބުން ފުލުހުންގެ މުއައްސަސާ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެކަމަކު މެމްބަރުންނަށް އަމާޒުކޮށް ފުލުހުންގެ ބަޔަކު ރެއިޑްތަކެއް ކުރަން އުޅެނީ ސީދާ އެހެންވެ ކަމަކަށް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. އޭގެ ސަބަބުން ފުލުހުންގެ މުއަައްސަސާ ވަރަށް ބޮޑަށް އިސްލާހުވާނެ ކަމަށާއި އެދިވަޑައިގަންނަަވަނީ ފުލުހުންގެ މުއައްސަަސާ ރަނގަޅުވާން ކަމަށް ވެސް ވިދާޅުވި އެވެ.
އެހެން ރައްޔިތުންނަށް ނުދޭ ސަމާލުކަންދީ އާންމު އުސޫލާ ހިލާފަށް ފުލުހުން އަމަލުނުކުރުމަށް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑު މިދަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ގެކޮޅަށް ވިޔަސް ސައިކަލަށް ވިޔަސް އެހެން ކަމަަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަކަށް އަދި ފުލުސް އޮފީހުގެ އާއްމު އުސޫލުތަކާ ހަމަތަކާ ހިލާފަށް، ވަކިން ހާއްސަކޮށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޗެކްކޮށް ރައްޔިތުންގެ މަޖިލީހުގެ ގެ ބަލައިފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އެވެނިކަމެއް މިވެނިކަމެއް ކުރަން އެވިސްނުމުގައި އެއްވެސް ފުުލުހެއް ނުހުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރަނގަޅަަށް ކަމަށާއި އެގޮތުގައި ތިއްބަވަން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މަޖިލީހަށް މާ ގިނަ ބާރުތައް ނަގާ ކަމަށް ބައެއް ފަރާތްތަކުން ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ