ޤާސިމް މިނިވަނެއް ނުވޭ- އެއް ބަންދުން އަނެއް ބަންދަށް ބަދަލުކުރީ: އަމީން އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިނިވަންވެވަޑައިގެންފިކަމަށް އަދި ޤަބޫލުފުޅުކުރެއްވެން ނެތް ކަމަށާއި ޤަބޫލުފުޅު ކުރެއްވެވެނީ އެއް ބަންދުން އަނެއް ބަންދަށް ބަދަލުކުރީ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިއަދު ވިދާޅުވީ މިއަދު މިއައި ބަދަލަކީ ދޫނިދޫ ކުޑަ ގޮޅީން ޢާއިލާއަށް ފެންނަ ހިސާބަށް ބަދަލު ކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅު ކުޑަގޮޅިން ސަލާމަތްކޮށްދިން ކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަމީން ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ އެމީހަކު ބޭނުން ކޮންމެ ގޮތަކަށް މާނަކުރެވިދާނެ ކަމެއް ކަމަށާއި ސަރުކާރުން އަމަލުކުރަމުން އަންނަނީ ވެސް ބޭނުން ގޮތަކަށް މާނަކޮށްގެން ކަމަށެވެ.
އަމީން ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ސިޔާސީ ލީޑަރެއް ކަމަށާއި ސިޔާސީ ލީޑަރުންނަކީ ލީޑަރުން ބޭނުންވާ ބައަކާއި ކޮންމެ ވަގުތަކުވެސް ބައްދަލުކުރެވެން ޖެހޭނެ ބައެއް ކަމަށެވެ. އަދި ވާހަކަދައްކައި މަޝްވަރާ ކުރެވެން ވެސް ޖެހޭނެ ބައެއް ކަމަށެވެ. ހަމައެއާއިއެކު ސިޔާސީ ޕޯޑިއަމްތަކުގައި ބޭނުންވާ ކޮންމެ ވާހަކައެއް ދެއްކެންޖެހޭނެ ބައެއް ކަމަށެވެ.
އަމީން ވިދާޅުވީ ކޯޓުން މިއަދު ކުރި 7 ޝަރުޠުގެ ސަބަބުން މިފަދަ ހުރިހައި ކަންކަމަށް ވަނީ ހުރަސް އެޅިފައި ކަމަށާއި އެހެންކަމުން ޤާސިމް އިބްރާހީމް މިހާރު އެހުންނެވީ ސިޔާސީ ލީޑަރަކަށް ލިބެންޖެހޭނެ ހުރިހާ ހައްޤުތަކުން މަހްރޫމް ކުރެވިފައި ކަމަށެވެ.
އަމީން ވިދާޅުވީ ޤާސިމް އިބްރާހީމްއަށް ހުރަސް އެޅިނަމަވެސް އަދި ކުނޫޒު ބަންދުކުރުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިޞްލާޙީ މަސައްކަތްތައް ދެން ނުހުއްޓުވޭނެ ކަމަށެވެ. އެއިރަކު ކަންކަން ކުރެވެން އޮތް ގޮތަކަށް ކުރިއަށް ގެންގޮސް ޤައުމުގެ ކަންކަން ހަމަ މަގަށް އަޅުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ