ދާއިރާގެ ރައްޔިތުން ކެތްތެރިކަމާއި ހިތްތިރިކަން އިސްކުރުމަށް ޣައްސާން އިލްތިމާސްކޮށްފި

ގުރައިދޫ ދާއިރާގެ ރައްޔިތުން ކެތްތެރިކަމާއި ހިިތްތިރިކަން އިސްކުރުމަށް އެ އިދިކޮޅު މައި ޕާޓީ ޕީޕީޕީއެމް ގެ އެ ދާއިރާގެ ޓީކެޓް ލިބިފައިވާ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއެކު ޣައްސާން އެ ދާއިރާ އަށް ކުރިމަތިލާ އިރު، ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތާއީދާއެކު އެދާއިރާއަށް ވާދަކުރައްވަނީ މުހައްމަދު އިބްރާހިމް މަނިކު އަށެވެ. ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ކަން އިއުލާން ކުރައްވައި، މއ. ކިނބިގަސްދޮށުގެ ނަމުގައި ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މިއަދު ނެރުއްވި ބާޔާނުގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އޭނާ އަށް ތާއީދު ކުރައްވާ އެ ދާއިރާގެ ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއި ހިތްތިރިކަން އިސްކުރައްވައި، އެހެން ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓެއްގެ ފިކުރަށް ކުޑައިމީސްބަހެއް ރައްދު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. "ކޮންމެ ރައްޔިތަކުވެސް ކެތްތެރިކަމާއި ހިތްތިރިކަން އިސްކުރެއްވުމާއި، އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާ އެހެން އެއްވެސް ކެންޑިޑޭޓަކަށް އަދި އެ ކެންޑިޑޭޓޭއްގެ ސިޔާސީ ފިކުރަށް ކުޑައިމީސް ބަހެއް ރައްދު ނުކުރުމަށް،" އޭނާ އަށް ތާއީދު ކުރާ ކޮންމެ ރައްޔިތަކަށް ޣައްސާން އިލްތިމާސް ކުރެއްވި އެވެ. ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޣައްސާން ނެރުނު ބަޔާނުގައި އޭނާ ވިދާޅުވީ، އެ ދާއިރާ އަށް ކުރިމަތިލާން ނިންމީ ދާއިރާގެ ތިން ރަށް ކަމުގައިވާ، ގުރައިދޫ، ދިޔަމިގިލި އަދި ގާދިއްފުށީގެ ރައްޔިތުންގެ ގާތް "މިތުރެއް"ގެ ގޮތުގައި އެ ތިން ރަށުގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށާއި ތިން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރަން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައ،ި ބައްޕާފުޅު މައުމޫންގެ އިތުރުން ބޭބޭފުޅު އަހުމަދު ފާރިސް މައުމޫނާއި، ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރި އިރު ވެސް ޣައްސާން ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. ޣައްސާން ރައީސް ޔާމީންގެ ތާއީދާ އެކު ގުރައިދޫ ދާއިރާއަށް ވާދަ ކުރައްވާ އިރު، ބޭބޭފުޅު ފާރިސް ވަނީ ރައީސް މައުމޫންގެ ތާއީދާ އެކު މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ