އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހދ. ހިރިމަރަދޫގައި ކުރިއަށް ގެންގޮސްފި

އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހދ. ހިރިމަރަދޫގައި ކުރިއަށް ގެންގޮސްފިއެވެ.
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ފެބުރުވަރީ 3ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ހިރިމަރަދޫގެ ފިހާރަތަކަށާއި ގޭގެއަށް ޒިޔާރާތްކޮށް މަޢުލޫމާތު ދިނުމުގެ އިތުރުން އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކޮށްފައިވެއެވެ.
އެގޮތުން ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންކަމާއި މަކަރާއި ހީލަތުން ފައިސާހޯދުމަށް އަންނަމުންދާ ފޯން ކޯލްތަކަށް ޖަވާބުދާރީ ނުވުމާއި އެފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން ހިރިމަރަދޫގެ ގޭގެއަށް ޒިޔާރަތްކޮށް އާންމު ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން ވެސް މިވަނީ މަޢުލޫމާތުދީފައެވެ. އެގޮތުން ކުށުގެ ވެށިން ސަލާމަތްވުމަށްޓަކައި އާއްމު ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާއި، ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހިރިމަރަދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއްވެސް މިވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެއްގަމު އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް މިޕްރޮގްރާމްގެ ތެރެއިން ބަލައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ