ކޯލިޝަނުން ވަކިވުމުގެ މިސްޓޭކް (ގޯސް) ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ދެން ހަދައިގެން ނުވާނެ ކަމަށް މިރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އިންތިޚާބު ކުރެއްވި، މިހާތަނަށް އެޕާޓީގެ ލީޑަރު ކަން ފުރުއްވި ހަމައެކަނި ބޭފުޅާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ކައުންސިލް މެންބަރުންނާއި މުހާތަބު ކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
"އެ މިސްޓޭކް (ގޯސް) ދެން އަޅުގަނޑުމެން ހަދާއިގެން ނުވާނެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މި ސަރުކާރުގެ ފަސް އަހަރު އޮމާންކަމާ އެކު މިކުރާ ފަހި ދަތުރުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާ އެކު ތިބެން ޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.
2008 ވަނަ އަހަރު ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވީ ޖޭޕީ ވެސް ހިމެނޭ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް ގާސިމް ވަނީ ރައީސް ނަޝީދުގެ ސަރުކާރަށް 21 ވަނަ އަށްވީ ދުވަހު ކެބިނެޓުން އިސްތިއުފާ ދެއްވާފައެވެ. އެފަހަރު ގާސިމް އާއި އެމްޑީޕީ އާއި ދެމެދު ޚިޔާލު ތަފާތުވުން އުފެދުނީ ރިސޯޓެއްގައި ހަޅުތާލު ކުރަން ތިބި މުވައްޒަފުންތަކެއް ރިސޯޓުން ބަލާން ގާސިމް ފުލުހުން ފޮނުވި މައްސަލައިގައެވެ.
2013 ވަނަ އަހަރު ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް ޖޭޕީ އާއި ކޯލިޝަން ހަދައިގެންނެވެ. އެފަހަރު ގާސިމް އާއި ޕީޕީއެމްގެ ޚިޔާލު ތަފާތުވުން އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ގާސިމަށް ދެއްވަން ޕީޕީއެމް އިން އެއްބަސް ނުވުމުންނެވެ.
ގާސިމް ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކުގައި ސަރުކާރު ފަސް އަހަރަށް ހަލުވި ކަމާއެކުގައި ދަތުރު ކުރަން ޖެހޭނެ ކަމަށާއި އެ ދަތުރުގައި ސާބިތުކަމާއެކުގައި ޖޭޕީ އިން ތިބެން ޖެހޭނެއެވެ.
އަދި އެއްގޮތަކަށް ވެސް ޖޭޕީ އަކީ ދަތުރުގައި ހަލަބޮލިކަން ގެންނާނެ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ހަލަބޮލިކަމެއް ކޯލިޝަންގެ ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑު ކަށަވަރު ކުރަނީ އެއްވެސް ޖާގައެއް ނެތް ކަމަށް، އެއީ ކޮންމެ ބައެއް އަދި ކޮންމެ މީހަކަށް ވިޔަސް، ދިވެހިން ބޭނުން ވަނީ އިބޫ އާއި ފައިސަލްއާއެކު ފަށާ ފަސް އަހަރުގެ ދަތުރު ވަރަށް ބާއްޖަވެރި އަމާން އޮމާން ދަތުރެއްގެ ގޮތުގައި ނިންމުން،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ފަހު ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވާތީ އެކަމަށް ވެސް ވިސްނައިގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އިންތިހާބަށް ފަހު ޖޭޕީ ހައިބަނޭޝަންގައި ނޯވެ އެކްޓިވްކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެ ޕާޓީ އަކީ ސިޔާސީ ދާއިރާގައި މުހިންމު ޕާޓީއަކަށް ވާއިރު އެ ޕާޓީ ވަރުގަދަ ކަމާ އެކު މަސައްކަތް ކުރެވޭ ވަރުގެ ބޭފުޅުން ޕާޓީގައި މިހާރު އެބަތިބި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކޯލިޝަނުން ވަކިވުމުގެ މިސްޓޭކް ޖޭޕީ އިން ދެން ހަދައިގެން ނުވާނެ – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ