ރާއްޖޭގެ އުތުރުގައި ސަރުކާރުން އަޅާނެކަމަށް ބުނެފައިވާ އެއާޕޯޓްތައް އަޅަން ބިން ހިއްކަން ފެށުމުން، އެ ރަށްރަށުގައި ހިންގާ ހަރަކާތްތަށް ފެނި އިދިކޮޅު އިއްތިހާދުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ހދ.ކުޅުދުއްފުށީގައި އެއާޕޯޓު އަޅާ ސަރަހައްދުގެ ބިން ހިއްކަން އެރަށަށް މަހާޖައްރާފު ބަނދަރު ކުރުމުން، ކުޅުދުއްފުށީ ކަންބަލުން ނަލަހެދިގެން މަހާޖައްރާފަށް ފަރިވަޅު ދީފައިވާއިރު، މިހަފްތާގައި މަހާޖައްރާފު ށ.ފުނަދުއަށް ދިއުމުން ހަވީރުގެ ސައިފޮދާއިއެކު އެރަށު ރައްޔިތުން މަހާޖައްރާފަށް ހޫނު މަރުޚަބާއެއް ކިޔާފައިވެއެވެ. އިދިކޮޅު އިއްތިހާދުން ވަނީ މިގޮތަށް ރަށްރަށުގައި ހިންގޭ ހަރަކާތްތަކަށް ފާޑުވިދާޅުވެ، މިފަދަ ހަރަކާތްތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
މިފަދަ ރަށްރަށުގެ ރައްޔިތުންނާއި ބައެއް ކައުންސިލަރުން އިސްނަގައިގެން ހިންގޭ މިފަދަ ހަރަކާތްތަކާއި ގުޅިގެން އިދިކޮޅު އިއްތިހާދުން މިކަންކަން ސިފަ ކޮށްފައިވަނީ، މިފަދަ ހަރަކާތްތަކަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނަށް ހިންގޭ ހަރަކާތްތަކަކެއްގެ ގޮތުގައެވެ.
"މިއިން ކޮންމެ ރަށަކަށް މަހާޖައްރާފު ދިއުމުން ބިން ހިއްކުމުގެ މަޝްރޫއުފަށަށް ސެލެބްރޭޓްކުރާއިރުގައި އަޅުގަނޑުމެނަށް ފެނިގެންދަނީ އެތަނުގައި މި ހުންނަނީ ހަމައެކަނި ދަރުބާރު ފެކްޝަނަށް ނިސްބަތްވާ ދިދަތައް. ދަރުބާރު ފެކްޝަނަށް ނިސްބަތްވާ ކުލަތައް. ދަރުބާރު ފެކްޝަނުން މި ހިންގާ ރިޔާސީ ކެމްޕޭނާއި ފާތިމަތު އިބްރާހިމް ދީދީ މިހިންގާ ހަރަކާތްތަކުގެ ސްލޯގަންތަކާއި ޝިއާރުތައް ލިޔެފަ ހުންނަތަން އަޅުގަނޑުމެނަށް ފެނިގެން މިދަނީ." އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވިއެވެ.
ސަރުކާރުން ހިންގަވަމުން ގެންދަވާ އެއާޕޯޓް އެޅުމުގެ ބިޔަ މަޝްރޫތަކަށާއި އެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިތުރަށް އަމީތު ވިދާޅުވީ، "މި މަސައްކަތްތަށް ކުރެވިގެންދަނީ ދައުލަތުގެ ބަޖެޓުން. ދައުލަތުގެ ބަޖެޓުގައި ޖައްސަވައިގެން. މި ފައިސާ ބޭނުންކޮށްގެން ޕްރޮމޯޓް މި ކުރަނީ ރައީސް ޔާމީންގެ 2018ގެ ނަމުގައި މިހިންގާ ހަރަކާތްތަށް. ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތަކަށް، ފާތިމަތު އިބްރާހިމް ދީދީ މިހިންގާ ހަރަކާތަކަށް ހަރަދު ކުރުމަކީ އެއީ ޤާނޫނީގޮތުން ހުއްދަކުރެވުފައިހުރި ކަންކަމެއްނޫން. އެކަން އަޅުގަނޑުމެން ވަރަށްބޮޑަށް ކުއްވެރިކުރަން. އަޅުގަނޑުމެން ގޮވާލަން މިގޮތަށް ހިންގޭ ހަރަކާތްތައް ހުއްޓާލުމަށް. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނަށް ހިންގޭ ހަރަކާތްތަކަށް އެހަރަދު ނުކުރުމަށް ގޮވާލަން." ކަމަށެވެ.
އެއާޕޯޓް އެޅުމުގެބިޔަ މަޝްރޫތަކާއި ހިންގާ ހަރަކާތްތަކުގެ އިތުރުން، ޕީ.ޕީ.އެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ ރައީސް ޔާމީނަށް ދޭނެކަމަށް ބުނާ ބުނުމާއި، ވެސްޓް ޕާކް ކުއްޔަށްދިނުމަށް ޓޫރިޒމް މިނިސްޓްރީން އިއުލާނު ކުރުމާއި، ގުޅިގެން އެ ބިން ނުއަގުގައި ވިއްކާލަނީ ކަމަށްބުނެ، އިދިކޮޅު އިއްތިހާދުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި، ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.
އެއާޕޯޓްތައް އަޅަން ބިން ހިއްކުމަށް ރައްޔިތުން މަރުޙަބާ ކިޔާތީ އިދިކޮޅު ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ