މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް އަންނަ އަހަރު ނިމުމުން އެ ތަނުގައި ކައިވެނިކުރަން ނުވަތަ ކައިވެނި ޕާޓީ ބޭއްވުމަށް މިހާރު ވެސް 50 އަށް ވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖް މަތީގައި ކައިވެނި ޕާޓީތައް ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ އިރު، އެ ތަނުގައި ކައިވެނި ކުރަން ބޭނުންވާ މީހުން ނަން ނޯޓު ކުރުމުގެ މަސައްކަތް މެމްބަރު ޔާމީން ވަނީ ފައްޓަވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ބްރިޖް މަތީ ކައިވެނި ޕާޓީ ބޭއްވުމަށް ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް އެހީތެރިވެދިނުމަށް އޭނާ އަމިއްލަ ގޮތުން ފެއްޓެވި ކަމެކެވެ. އެކަމަކު އެ ލިސްޓު، ރައީސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ: ބްރިޖްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނޭ ---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"އަޅުގަނޑުގެ މަގްސަދަކީ ބްރިޖް ނިމުމުން އެ ތަނުގައި ކައިވެނި ޕާޓީތައް ބޭއްވުމަކީ ހަމަ އަސްލުގައި ވެސް ކުރެވޭނެ ކަމެއްކަން އަންގައިދިނުން. މިއީ ރައީސްގެ ވެސް އެދިވަޑައިގަތުމަކަށް ވާތީ އަޅުގަނޑު އަމިއްލަ ގޮތުން މިކަން މި ކުރަނީ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރިޖްގެ މަސައްކަތް ނިމެންދެން، އެ ތަނުގައި ޕާޓީ ބާއްވާ މީހުން ނަން ނޯޓު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އަޅުގަނޑު ވެސް ނިންމައިގެން މި ހުރީ އެތަނުގައި ކައިވެނި ކުރަން." އެމްޑީޕީ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގެން ނަމަވެސް މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ މެމްބަރު ވިދާޅުވި އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ މިނިވަން ދުވަހު (ޖުލައި 26) ބްރިޖް ހުޅުވާނެ އެވެ.
ބްރިޖްގައި ކައިވެނި ކުރަން ބައެއް މީހުން ނަން ނޯޓުކޮށްފި: މެމްބަރު ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ