އުމަރު މިފަހަރު ދިގު ކުރަނީ ހުދު ވަލެއް ނޫން ހުދު އިންގިލާބެއް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު މިފަހަރު ގެންނަން ބޭނުންވަނީ ހުދު އިންގިލާބެއް ކަމަށް ވިދާޅުވެއްޖެއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އުމަރު ކެމްޕޭން ކުރިއަށް ގެންދިޔައީ އޭނާ ރައްޔިތުންނަށް ދިގުކޮށްލި ހުދު ވަލާއެކުއެވެ. އުމަރު އޭރު ހުދުވާގަނޑު ބޭނުން ކޮށްފައިވަނީ ފަސްބައިގައި ކޮރަޕްޝަނާ ހިޔާނާތް ނެތް، އެފަދަ ސަރުކާރަކަށް މަގުފަހި ކުރެވޭނީ އެވަލުގައި ހިފައިގެން ކަން ދެއްކުމަށެވެ.
އުމަރަށް ތާއީދު ކުރާ ފަރާތްތަކުން ރޭ ބޭއްވި މާހެފުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަމަ ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އުމަރު ވިދާޅުވީ 2013 ވަނަ އަހަރު އޭނާ ދިގު ކުރެއްވީ ހުދު ވަލެއް ކަމަށެވެ. އުމަރު ވިދާޅުވީ މި ދަނޑިވަލަކީ ވޯޓު ގަނޑު ބޭނުންކޮށްގެން ރާއްޖެއަށް ހުދު އިންގިލާބެއް ގެންނަން ޖެހޭ ވަގުތެއް ކަމަށެވެ.
އެ އިންގިލާބަކީ ތެދުވެރިކަމާ އަމާނާތްތެރިކަމާއި އަދުލުވެރިކަމާ މުރާލި ކަމުގެ އިންގިލާބެއް ކަމަށް އުމަރު ވިދާޅުވިއެވެ. އެ އިންގިލާބަކީ މުޅި ދައުލަތަށާއި މީހުންގެ ސިކުނޑިތަކަށް ގެންނަން ޖެހޭ އިންގިލާބެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރަސްމީ މަސައްކަތް ފަށާނީ ހެނދުނު 6:30 ކަމަށެވެ. އަދި ހަތަރެއް ޖަހަންދެން މަސައްކަތް ކުރާނެ ކަމަށާއި ވެރިކަމުގެ ފަސް އަހަރުން ހަތް އަހަރުގެ މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ހަމަހަމަ އިގްތިސާދަކަށް ފަހިކޮށްދޭނެ ކަމަށް ވިދާލުވެ އުމަރު ވިދާޅުވީ "ހުދު އިންގިލާބާ" ނުލައި މިހާރު ކުރިއަށް ދެވެން ނެތް ކަމަށެވެ. ރޯދަ މަސް ނިމޭ އިރު ކެމްޕޭން މަސައްކަތް ބާރު ކުރައްވާނެ ކަމަށާއި އެހާތަނަށް އިތުރު 3000 މީހުންގެ އެހީތެރިކަން ކެމްޕޭނަށް ބޭނުންވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ