ޒަޚަމް ތަކަކާއި އެކު މަރުވެފައި އޮތް ދުންލާމަހެއް ފުވައްމުލަކަށް ލައްގައިފި

(ފުވައްމުލައް): ޒަޚަމް ތަކަކާއިއެކު މަރުވެފައި އޮތް ދުންލާމަހެއް (ބޮޑުމަހެއް) މިރަށަށް ލައްގައިފިއެވެ.
ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި މި މަސް ލައްގާފައިވަނީ މިރަށު ދަޑިމަގު ނެރެގަނޑު ސަރަޙައްދަށެވެ.
ދަޑިމަގު ކައުންސިލްގެ ރައީސް ޙުސައިން ފަޙުމީ ވިދާޅުވީ މި މަސް ލައްގާފައި އޮތްކަން ކައުންސިލަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު ކަމަށާއި ލަފާކުރެވޭ ގޮތުގައި ދުންލާމަސް ލައްގާފައި ވަނީ ފަތިހު، ބޮޑު ދިޔައިގައި ކަމަށެވެ. އަދި މަހުގެ ހަށިގަނޑުގައި ހުރި ޒަޚަމް ތަކަކީ ނެރުގަނޑުމަތީ ރާޅުތަކުގެ ތެރޭގައި އޮޔާ ދެމުމުން ލިބިފައިވާ ޒަޚަމްތަކެއް ކަމަށް ފަޙުމީ ވިދާޅުވިއެވެ.
"އެތާންގަ ހުންނާނެ ވަރަށް ގިނައިން ގާ. ބޮޑު ދިޔައިގަ ވާގޮތަކީ ރާޅާ ދަމަން ފެށީމަ، ގާތަކުގެ ތެރޭގަ ތެޅި، އެގޮތަށް ޒަޚަމްވެފަ އެހެރީ" ފަޙުމީ ވިދާޅުވިއެވެ.
ފަޙުމީ އިތުރަށް ވިދާޅުވީ މި މަސް ނައްތާލުމުގެ މަސައްކަތް އެމްއާރްޑީސީ އާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ