ސުޕާ ލީގުން ވަކިވާން ނިންމި ކުލަބުތަަކަށް ޕެރޭޒްގެ އިންޒާރެއް

ޔޫރަޕިއަން ސުޕާ ލީގު ހުއްޓާނުލާނެކަމަށް އެލީގުގެ ޗެއާމަން އަދި ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.
ޕެރޭޒް މިހެންބުނެފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ވުޖޫދުކުރެވުނު ޔޫރަޕިއަން ސުޕާ ލީގުގެ ފައުންޑިންގ މެމްބަރުންގެ ގޮތުގައި އޮތް ނުވަ ކުލަބަކުން ލީގުގައި ބައިވެރިނުވާން ނިންމުމާއި ގުޅިގެން އެކި ފަރާތްތަކުން ސުޕާ ލީގު ފެށުމުގެކުރިން ނިމުމަކަށް އައީކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުންނެވެ.
މިކަމަށް ރައްދުދެމުން ޕެރޭޒް ބުނީ ސުޕާ ލީގުގެ މަސައްކަތް މީގެ ތިންވަރަކަށް އަހަރުކުރިން ފެށުނީ ފުޓުބޯޅަ ބޮޑު އަނދަވަޅަކުން ސަލާމަތްކުރުމުގެ ނިޔަތުގައި ކަމަށާއި، ލީގުގެ އަސްލު މަގްސަދު ފުޓުބޯޅައިގެ ސަޕޯޓަރުންނަށް ނޭނގި މާއަވަހަށް ނިންމުމެއް ނިންމީ ކަމަށާއި ފުޓުބޯޅައިގެ އުފާވެރި ކުރިމަގު ގުޅިފައިވަނީ ސުޕާ ލީގާއި ކަމަށެވެ.
މީގެއިތުރުން ޕެރޭޒް ވަނީ ލީގުގައި ވާދަނުކުރަން ނިންމި ކުލަބުތަކަށް އިންޒާރެއްވެސް ދީފައެވެ. އެއީ 12 ކުލަބުން ވަކި ގޮތަކަށް އެއްބަސްވެ ހެދުނު ކޮންޓްރެކްޓެއްގެ ދަށުން ސުޕާ ކުލަބު ވުޖޫދުކުރުމަށްފަހު އެހާ ފަސޭހައިން ކޮންޓްރެކްޓާއި ހިލާފުވެ ސުޕާ ލީގުން ވަކިނުވެވޭނެ ކަމަށް ބުނެފައެވެ، އެހެންކަމުން އަދިވެސް ސުޕާ ލީގު 12 ފައުންޑިންގ މެމްބަރުންނާއިއެކު އެބައޮތް ކަމަށާއި ލީގު މިވަގުތު މަޑުޖެހިފައި އޮތްނަމަވެސް ލީގުގެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ.
ކުލަބުތަކަށް މާލީ ހަމަޖެހުން ގެނެސްދިނުމަށް ކަމަށްބުނެ މަހުޖަނުންތަކެއް އިސްވެއޮވެ އުފެއްދި ސުޕާ ލީގުގައި ބައިވެރިނުވާކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ސިޓީ އާއި ޔުނައިޓެޑުގެ އިތުރުން ޗެލްސީ އާއި ލިވަޕޫލް އަދި ޓޮޓެންހަމާއި އާސެނަލް އަދި ލަލީގާގެ އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ އޭސީ މިލާނާއި އިންޓާ މިލާނެވެ. މީގެއިތުރުން ޔުވެންޓަސް އިންވެސް ސީދާ ލީގުގައި ބައިވެރިނުވާން ނުނިންމިނަމަވެސް ލީގު އިތުރަށް ކުރިއަށް ގެންދެވިދާނެ ކަމާއިމެދު ސުވާލު އުފައްދާފައެވެ.
އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަން އިން ފަންޑުކުރާ މި ލީގުގައި ބައިވެރިވާ ކުލަބުތަކަށް، ލީގު ފެށުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ކުލަބަކަށް 305 ބިލިއަން ޔޫރޯ ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފުޓުބޯޅައިގެ އަސްލާއި ހިލާފު މި ލީގު ކާމިޔާބުކުރާ ޓީމަކަށް 400 މިލިއަން ޔޫރޯ ހުށަހަޅާފައިވާކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމަށްވުރެ ހަތަރުގުނަ އިތުރު ފައިސާގެ އިނާމެއް ހުށަހަޅާ މިލީގު މިހާރު މިވަނީ ފެށުމުގެކުރިން ނިމުމަކަށް އައިސްފައިކަމަށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކަކުން ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ