ސަރުކާރުން ބޭނުންނަމަ މިހާރުވެސް ގާސިމް ފުރުވާލެވޭނެ: ފަލާހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ފޮނުވުމަށް ސަރުކާރުން ބޭނުންނަމަ މިހާރުވެސް ފޮނުވާލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
ވީޓިވީގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ފެށުނީއްސުރެ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ގާސިމް އިބްރާހީމަށް ޑޮކްޓަރުން ލަފާދެއްވަމުން ގެންދަވާއިރު އަދި އެކަން ހަމަޖައްސައިދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ކޯޓުން އަމުރުކޮށްފައިވާއިރު އެކަމަށް ފުރުސަތު ނުދީ ހިފެހެއްޓުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ފަލާހު ވިދާޅުވީ މިއަދުގެ ސަރުކާރަކީ އެއްވެސް ރަހުމެއް ހުރި ސަރުކާރެއް ނޫން ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ގިނަ ދުވަހު ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ވެސް ރަހުމެއް ނުބަހައްޓާ ކަމަށެވެ. ސިޔާސީގޮތުން ކިރިޔާވެސް މަސައްކަތެއްކޮށް، އެއްޗެއް ބުނާ ބަޔަކަށް ނުހައްގުން ދައުވާކޮށް ޖަލަށް ލަމުންދާ ކަމަށާއި ގާސިމަށް ވެސް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ އާންމު ތަނެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކޮށްފައިވާ ހުކުމަކީ އެއްގޮތަކަށްވެސް އައިސްގެންވާނެ ހުކުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބޭސްފަރުވާއަށް އެމަނިކުފާނު ނުފޮނުވާ ހިފަހައްޓަމުންދާއިރު، ސަރުކާރުން ބޭނުންނަމަ މިހާރުންމިހާރަށްވެސް އެމަނިކުފާނު ބޭރަށް ފޮނުވާލެވޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
"މީގެ ތެރޭގައި ސިޔާސީ ކުޅިވަރު ކުޅުއްވަން ވެގެން އުޅުއްވަނީ. ހޯމް މިނިސްޓަރާއި ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ގާސިމް އަރިހަށް ވަޑައިގެން ނުކުމެވަޑައިގެން ސިއްރު މެސެޖެއް ދެއްވީއޭ މިކަހަލަ ވާހަކަތައް ވިދާޅުވެ ސިޔާސީ ކުޅިވަރު ކުޅުއްވަން އެބޭފުޅުން އުޅުއްވަނީ. ގާސިމަށް ޝިފާއެއް ލިބޭ ގޮތަށް ނުވަތަ ބޭސްފަރުވާ ލިބޭގޮތަށް އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރައްވާ" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ގާސިމް އިބްރާހީމަށް ބޭސްފަރުވާއަށް ވަޑައިގަނެވޭނެ ގޮތަކަށް ސަރުކާރުން ކަންކަން ތަރުތީބުކުރަމުންދާ ތަން އެއްގޮތަކަށް ވެސް ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ މެޑިކަލް ބޯޑު ނެތުމަކީ ކުށްވެރިއަކު ވިޔަސް ފަރުވާ ނުލިބި މަރުވާންޖެހޭ ސަބަބެއް ނޫން ކަމަށާއި، ބޯޑު ނެތަސް އިންސާނިއްޔަތަށްޓަކައި އެކަން ކުރަން ޖެހޭ ކަމަށެވެ.
ފަލާހު ވިދާޅުވީ ސަރުކާރުން ދައްކަނީ ހުސް ވާހަކަ ކަމަށާއި ސަރުކާރުން ބަލަނީ ސިޔާސީގޮތުން މީހުންނަށް އަނިޔާދިނުމަށް ކަންކަން ކުރެވޭތޯ ކަމަށެވެ. ސަރުކާރުން ދައްކާ ވާހަކަ މިއަދު ރައްޔިތުން ގަބޫލުނުކުރާނެ ކަމަށާއި ރައީސް ޔާމީނަށާއި ސަރުކާރުގެ ވަޒީރުންނަށް މިއަދު އެއްވެސް އިތުބާރެއް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ސިޔާސީ ބޭފުޅުންނަށް ކޮށްފައިވަނީ މުޅިންވެސް ސިޔާސީ ހުކުމްތައް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
"ވަރަށް އަޑަށް ބާރުލައްވާފައި ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވޭ ވަކި މީހަކަށް ވަކި އާއިލާއަކަށް ވަކި ނަސްލަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރަމުންދާނަމޭ. އެކަމަކު އެހެނެއް ނޫން ފެންނަނީ. އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި ވަރަށް ގިނަ ވާހަކަ މަޖިލީހުގެ ތަޅުމުގައިވެސް ޓީވީތަކުގައިވެސް ޒާތްޒާތުގެ ވާހަކަ ބޭބޭފުޅުން ދައްކެވި ތަން. ތިމަންނަމެން ލާރި ގޯނި ހިފައިގެން ހިނގީމޭ، މިވެނި މީހަކު ހޮވައިދޭން މަސައްކަތް ކުރާނަމޭ، މެމްބަރުންނަށް ދެއްވާ ފައިސާއަކީ ތިމަންމަނިކުފާނު ދެއްވާ ފައިސާއޭ މިފަދަ އެތައް ވާހަކައެއް އެބަހުރި. ގާސިމް އިބްރާހީމް ޕޯޑިއަމެއްގައި ދެއްކެވި ވާހަކައަކަށް ހުކުމް ކުރައްވައި ބޭސްފަރުވާ ނުލިބި އެކަމާ ހަނގުރާމަ ކުރައްވަމުން އެގެންދަވަނީ ކަނޑައެޅިގެން ސިޔާސީ ހުކުމެއް ކޮށް ނުހައްގުން ލިބޭ އަދަބެއްގެ ގޮތުގައި" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ގާނޫނުގައި ވަކި ގޮތަކަށް ކަންކަން ކުރަން އޮތް ނަމަވެސް، ސިޔާސީ މީހުންނާމެދު ކަންކަން ކުރަމުންދަނީ ހިތަށްއެރި ގޮތަކަށް ކަމަށެވެ. މުޅިންވެސް ފެންނަނީ ބާރު އޮތީތީ ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރާ މަންޒަރު ކަމަށެވެ. ނަމަވެސް މިކަންކަމާ ދެކޮޅަށް ތެދުވެ ރައްޔިތުން މަސައްކަތް ކުރާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ