ރައްޔިތުން އެދޭ ތަރައްގީ އަންނާނީ ކޮރަޕްޝަން ނައްތާލެވިގެން: ރައީސް
ރައްޔިތުން އެދޭ ކުރިއެރުމާއި ތަރައްގީ ރައްޔިތުންނަށް ހޯދައިދެވޭނީ ގައުމުން ކޮރަޕްޝަން ނައްތާލެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ދުވަހުގެ މުނާސަބަތުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ނެރޭ ސަޕްލިމެންޓަށް ފޮނުއްވި ހިޠާބުގައި ރައީސް ޞާލިހު ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމައެއް ބިނާ ކުރުމަށް އޭސީސީ އިން ކުރާ މަސައްކަތްތަކަށް ދައުލަތުގެ އެހެން މުވައްސަސާތަކުން އެހީ ފޯރުކޮށްދިނުމަށް އެދިލައްވާ ކަމަށެވެ. ރައީސްގެ ހިޠާބުގައި ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް ރައްޔިތުންނަށްވީ އެންމެބޮޑު އެއް ވައުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުން ކަމަށާއި ކޮރަޕްޝަންގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. "ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުން،" ރައީސްގެ ހިޠާބުގައި ވިދާޅުވެފައިވެއެވެ. ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި، އާންމުކުރެވެންޖެހޭނެކަމަށާއި، ސަރުކާރުގެ މުވައްޒަފުންނާއި، އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި، އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށްވާންޖެހޭނެކަމުގައިވެސް ރައީސްގެ ހިޠާބުގައި ވިދާޅުވެފައިވެއެވެ. މީގެއިތުރުން، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި، ގެއްލިފައިވާ ހައްގުތައް އަނބުރާ އިއާދަކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި މިއަދު އަޒުމް ކަނޑައަޅަންވީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ކޮރަޕްޝަންގެ ޙާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށްވެސް ރައީސްގެ ހިޠާބުގައި ވިދާޅުވެފައި ވެއެވެ. ކޮރަޕްޝަން ހުއްޓުވައި، ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ