މީދޫ ރައްޔިތުން އެދެނީ ވީހާވެސް އަވަހަށް ހޮސްޕިޓަލުގެ މަސައްކަތް ފަށައިދިނުމަށް!

2019 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި މީދޫއަށް މާ ގިނަ މަޝްރޫޢުތަކެއް ހިމެނިފައިނުވި ނަމަވެސް މީދޫ ރައްޔިތުންގެ ހިތްހަމަޖައްސައިދިނީ ބަޖެޓުގައި ހިމެނިފައިވާ ހަމަ އެންމެ މަޝްރޫޢުއަކުންނެވެ. އެއީ މީދޫގައި މިހާރު ބޭނުންކުރަމުން އަންނަ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑު ކުރުމުގެ މަޝްރޫޢުއަށް ބަޖެޓުކޮށްފައިވުމުންނެވެ.
 
ރ. އުނގޫފާރުގައި ހުންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުލާ ރ. އަތޮޅުގައި ދާއިތުވެދިޔަ އަހަރުވެސް އޯ.ޕީ.ޑީ އެންމެ މަތިކޮށް އުޅެނީ ރ. މީދޫ ސިއްޙީ މަރުކަޒުގައިކަމަށް މީގެ ކުރިން ސިއްޙީ މަރުކަޒުގައި އިސްކޮށް އުޅުއްވި ބޭފުޅަކުވަނީ މަޢުލޫމާތު ދެއްވާފައެވެ. މީދޫގެ ވަށައިގެން އެތަކެއް ރިޒޯޓުތަކެއް ހަދާފައިވާއިރު މި ހުރިހާ ރިޒޯޓުތަކުންވެސް މުއައްޒަފުން އަދި ބަލިވެގެން ގެންނަ ގެސްޓުންނަށްވެސް އެންމެ ފުރަތަމަ ހިދުމަތް ދޭން ޖެހެނީ މީދޫ ސިއްޙީ މަރުކަޒުގައެވެ.
 
ބައެއް ފަހަރަށް ވަސީލަތްތަކުގެ ދަތިކަމުން މި ފަދައިން ގެނެވޭ ފަރާތްތަކަށްވެސް ދޭން ޖެހޭ އެންމެ އެކަށީގެންވާ ހިދުމަތް މީދޫ ސިއްޙީ މަރުކަޒުން ނުދެވެއެވެ. މި ސަބަބަށްޓަކައިވެސް ވީ އެންމެ އަވަހަށް މީދޫގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް ހިދުމަތުގެ ފެންވަރު މިހާރަށްވުރެ މަތިކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާކަމެކެވެ.
 
މި މަޝްރޫޢުއަކީ ހަމައެކަނި މީދޫގެ ރައްޔިތުންނާއި ގުޅިފައިވާ މަޝްރޫއުއެއް ނޫނެވެ. މިއީ މި ސަރަހައްދުގައި ހިންގަމުން އަންނަ ރިޒޯޓުތަކުގައި އުޅޭ އެންމެނާއި މީދޫއާއި ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއިވެސް ގުޅިފައިވާ ނުހަނު މުހިއްމު މަޝްރޫއުއެކެވެ.
 
ފާސްކޮށްފައިވާ ބެޖެޓުގައި މީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގުރޭޑު ކުރުމަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވީ ނަމަވެސް މި އަދަދަކީ މި މަޝްރޫޢުއަށް އެންމެ އެކަށީގެންވާ އަދަދު ނޫންނަކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން މި ސަރުކާރުން އަހަރުގެ މެދު ތެރޭގައި ހުށައަޅާނެކަމަށް ބުނެފައިވާ ބަޖެޓުގައި މި މަޝްރޫޢުއަށް އިތުރު ފައިސާ ހިމެނުމަކީވެސް ގިނަ ބައެއްގެ އެދުމެކެވެ.
 
މި މަޝްރޫޢުއާއި ގުޅޭ ގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އަމީތު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭ ގޮތުން މިހާރު ހެލްތް މިނިސްޓްރީ އާއިއެކު މަޝްވަރާތައް ކުރަމުން ގެންދާކަމަށާއި ބަޖެޓުގައި ހިމެނިފައިވާ އަދަދުން ބައެއް އިމާރާތުގެ ދަތިކަން ހައްލުކުރުމަށްޓަކާ އިތުރު އިމާރާތެއް އެޅުމަށް ހަރަދުކުރާ ގޮތަށް ވާހަކަ ދެކެވެމުން އަންނަކަމަށެވެ.
 
އުއްމީދަކީ ވީ އެންމެ އަވަހަށް މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އިޢުލާން ކުރެވިގެން ދިޔުންކަމަށާއި އިތުރު މުވައްޒަފުން ހޯދުމާއި ލެބޯޓަރީގެ ހިދުމަތް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް މެމްބަރު އަމީތު ވިދާޅުވިއެވެ.
 
 
މީހާރުން މިހާރަށްވެސް ފެންވަރު ރަނގަޅުކޮށް ތަރައްޤީ ކުރަން ޖެހިފައިވާ މީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެ ތަރައްޤީ ވެގެން ދިޔުމަކީ މީދޫ ރައްޔިތުން އަހަރުތަކެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ. މި ހުވަފެން މި އަހަރުގެ ތެރޭގައި ހަޤީޤަތަކަށް ވެގެންދިޔުމަކީ ގާތުގައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ