ސްޕްރީމް ކޯޓަށް ފާޑު ކިޔުމުގެ ހައްގު ހަމައެއްވެސް މުއައްސަސާއަކަށް ނޯންނާނެ - އިލްހާމް

ސުޕްރީމް ކޯޓުގެ ނިންމުމްތަކަށް އޭސީސީއަށްވިޔަސް ފާޑުކިޔުމުގެ އެއްވެސް ފުރުސަތެއް އޮންނާނެކަމަށް ޤަބޫލްނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
ދާދިފަހުން ބޯޑާ ކޮންޓްރޯލް ސިސްޓަމުގެ މައްސަލާގައި ސުޕްރީމް ކޯޓުންއިއްވާފައިވާ ޙުކުމާއި ގުޅިގެން އޭސީސީގެ އަތް ބަދެވިފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް ފާޑުކިޔައި އެފަރާތުން ބަޔާނެއް ނެރުމަކީ ޤަބޫލްކުރެވޭނެކަމެއް ނޫންކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ ރާއްޖެއިން ފުރިހަމަ ޑިމޮކްރަސީއަކަށް ދަތުރުކުރަމުންދާއިރު މިފަދަ މައްސަލަތައް ދިމާވަމުންދިއުމަކީ ނުރައްކާތެރިކަމެއްކަމަށާއި ފެހި ޤާނޫން އަސާސީގެ ބެލެނިވެރިކަން ދީފައިވާ ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަން ހުރިހާ ފަރާތްތަކުން ޤަބޫލްކުރަންޖެހޭކަމަށެވެ.
އިލްހާމް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ އެއްވެސް ނިންމުމެއްގެ ސަބަބުން އެއްވެސް މުއައްސަސާއެއްގެ އަތް ނުބަދެވޭނެކަމަށާއި އަދި އެ މުއައްސަސާއެއްގެ މެންޑޭޓަށް ބަދަލުތަކެއް ވެސް ނާންނާނެކަމަށެވެ.
ކަމަކާއި ގުޅިގެން ސުޕްރީމް ކޯޓުން ވަކި ނިންމުމެއް ނިންމައިފިނަމަ ކޮންމެ މުއައްސަސާއަކަށްވެސް އޮތީ އެ ނިންމުމަކަށް ފުރިހަމައަށް ބޯލެބުންކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމުގެ މައްސަލާގައި ދާދިފަހުން ސުޕްރީމް ކޯޓުން އިއްވި ޙުކުމާއި ގުޅިގެން އޭސީސީން ވަނީ ސުޕްރީމް ކޯޓަށް ފާޑުކިޔައި ބަޔާނެއް ނެެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ