ހަނު ހުންނެވި އުމަރު ވެސް މަސީހް އާއި ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުނުތާ ތިން ހަފްތާ ދެވެގެން ދިޔައިރުވެސް އެކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހުރި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެންމެ ފަހުން މަސީހް އާއި ދެކޮޅަށް މިރޭ ވާހަކަދައްކަވައިފިއެވެ.
އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސީހު މަޖިލީހުގެ ރައީސް ކަމުން ބޭރު ކުރަން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާތީ ގާސިމް އިބްރާހީމް އާއި ފާރިސް މައުމޫން އާއި އެހެން ފަރާތްތަކުގެ ހިތްވަރަށް ސެލިއުޓު ކުރައްވާ ކަމަށެވެ. މަސީހް ބޭރުކުރަން ޖެހޭ ކަމަށް ބުނެ ހޭޝްޓެގެއް ވެސް އުމަރު ވަނީ ޓްވީޓްގައި ބޭނުން ކުރައްވާފައެވެ.
މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މިމަހުގެ 08 ވަނަ ދުވަހުއެވެ. ނަމަވެސް މިމައްސަލަ އާއި ބެހޭ ގޮތުން މީގެ ކުރިން އުމަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
މަސީހް އިތުބާރުނެތް ކަމަށް ހުށަހެޅިފައިވާ މައްސަލައިގައި މަޖިލީހުން ވޯޓް ނަގާނީ އަންނަ ހޯމަ ދުވަހުއެވެ. ވެރިކަން ކުރާ ޕީޕީއެމް އާއި އެޕާޓީ އާއި ކޯލިޝަން ހަދާފައިވާ އެމްޑީއޭ އިން ބުނަމުން ގެންދަނީ ފަސޭހަކަމާއި އެކު ވޯޓް ނާކާމިޔާބު ކޮށްލާނެ ކަމަށެވެ.
ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ މަޖިލީހުގެ ވަގުތު ބޭކާރު ކުރުމަށްޓަކައި މީގެ ކުރިންވެސް އިދިކޮޅު ފަރާތް ތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޫނަސް އެހެނިހެން މައްސަލަތައް ވެސް ހުށައަޅާ ކަމަށާއި އެހެން ނަމަވެސް އެހުރިހާ މައްސަލައެއްވެސް ވާނީ ފެއިލް ކޮށްލާފައި ކަމަށެވެ. ކުރީގެ ވޯޓްތައް ވެސް ފެއިލް ކޮށްލި ގޮތައް މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ވޯޓް ވެސް ފެއިލް ކޮށްލާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ނަމަވެސް ރައީސް މައުމޫން ފެކްޝަނާއި އެމްޑީޕީ އާއި ޖޭޕީ އިން ބުނަމުން ގެންދަނީ ފަސޭހަކަމާއި އެކު މަސީހްގެ ވޯޓް ކާމިޔާބު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ