އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް، "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ކެންޑިޑޭޓް ރައީސް މުހަންމަދު ވަހީދު މިރޭ ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފި އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި، ގާސިމްގެ ނަން ވިދާޅުނުވެ ރައީސް ވަހީދު ވިދާޅުވީ "ގައުމުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ވެރިކަމަށް ނުގެންނަންވީ ސަބަބުތަކެއް އެބަހުރި" ކަމަށެވެ. އަދި އެއީ އޭނާއާ ޒާތީ ތައައްސުބެއް އޮވެގެން ނޫން ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި "ގައުމުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ" ވެރިކަމަށް ނުގެންނަންވީ ޓޫރިޒަމާއި މަސްވެރިކަމާއި ފެކްޓަރީތަކާއި އިންސާނީ ވަސީލަތްތަކުގެ ބޮޑު ބައެއް ގައުމުގެ ނިސްބަތުން އޭނާ ހިއްސާ ކުރައްވާތީ އެވެ.
"އަދި މިފަދަ ކޮންމެ ކަމަކާ ގުޅޭ ގޮތުން ސިޔާސަތު އެކުލަވާލުމުގައި ވެސް ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވެސް އެކުލަވާލެވޭ ސިޔާސަތުތަކަކީ އޭނާގެ މަސްލަހަތު އެ ނިސްބަތުން އެކުލެވޭނެ ސިޔާސަތުތަކަށް ވާނެތީ. އަދި ނިންމުންތަކަކަށް ވެސް ވާނެތީ. މި ހާލަތުގައި ފަތުރުވެރިކަމާ ބެހޭ ގޮތުން ނުވަތަ މަސްވެރިކަމާ ބެހޭ ގޮތުން، ނުވަތަ ވައިގެ ދަތުރުފަތުރާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުން ވިޔަސް ނުވަތަ ސަރުކާރުން ވިޔަސް ނިންމާ ނިންމުމުގައި އަމިއްލަ މަސްލަހަތު އެކުނުލެވޭނެ ހަމައެއް އޮންނާނެތޯ؟،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2004ގެ ސުނާމީ އަށް ފަހު ދައުލަތުގެ މާލިއްޔަތަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. އަދި 2007 އާއި 2008 ގައި ފާސްކުރި ދައުލަތުގެ ބަޖެޓް ވަރަށް ބޮޑުކުރި ކަމަށާއި އެ ދުވަސްވަރު އިގުތިސޯދުގެ ތެރެއަށް އޮއްސަމުން ދިޔަ ފައިސާގެ ސަބަބުން އިގުތިސޯދަށް ވަރަށް ބޮޑަށް ގެއްލުންވި ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ގާސިމަށް އިޝާރާތް ކުރައްވައި ރައީސް ވަހީދު ވިދާޅުވީ "އެވަގުތު ދައުލަތުގެ މާލީ ވަޒީރު ކަމުގައި ހުންނެވި ބޭފުޅަކު ތަރައްގީ ގައިމު ކުރާނަމޭ ވިދާޅުވިޔަސް އެކަން ގަބޫލުކުރަން ވަރަށް ދަތިވާނެ" ކަމަށެވެ.
"ހާއްސަކޮށް އެކަންކަން ރަނގަޅު ކުރައްވާނީ އެ ސިޔާސަތުތަކުގެ ދަށުން ކަމުގައި ވިދާޅުވުމުން އެކަންކަން ބަލައިގަންނަން އެއަށް ވުރެ ދަތިވާނެ. އަދި ގާނޫނު އަސާސީ ވުޖޫދު ކުރެވުނު އިރު، އެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ބޭފުޅަކީ، މާލީ ވަޒީރު ކަމަށްވާއިރު، ގާނޫނު އަސާސީ ތަސްދީގު ކުރުމުގެ މާލީ ހިސާބު ނުވަތަ ކޮސްޓިންއެއް ނަހަދައި އޮތުމުން، މުސްތަގުބަލް ރޭވުމުގެ ހިކުމަތްތެރިކަމެއް އޮތް ކަމަށް ބެލެވޭނެތޯ؟،" ރައީސް ވަހީދު ވިދާޅުވި އެވެ.
މިހާރު އަމަލުކުރާ ގާނޫނު އަސާސީ އޯގަސްޓް 2008 ގައި ފާސްކުރިއިރު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަކަށް ހުންނެވީ ގާސިމް އިބްރާހީމެވެ. އަދި އޭނާ އަކީ އޭރު ފިނޭންސް މިނިސްޓަރު ވެސްމެ އެވެ.
ރައީސް ވަހީދުގެ މިރޭގެ ވާހަކަފުޅުގައި ވަނީ ގާސިމްގެ އިތުރުން ވާދަވެރި އެހެން ކެންޑިޑޭޓުންގެ ވެސް ނަން ވިދާޅުނުވެ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.
ރައީސް ވަހީދު ވިދާޅުވީ "ގައުމުގެ ވެރިކަމުގެ ކޮއިލުގައި ހުންނަ މީހަކީ ބޭރު ބައެއްގެ ނުފޫޒުން ވެރިކަމަށް އާދެވޭ ނުވަތަ ވެރިކަމުގައި ހުންނަ މީހަކަށް ވެއްޖެނަމަ، އެ ވެރިކަމަކީ ދިވެހިންގެ ވެރިކަމަކަށް ނުވާނެ" ކަމަށެވެ.
"ދިވެހި ގައުމަކީ ވެރިކަމުގައި ހުންނަ މީހަކަށް ކޮންމެވެސް ނަމެއް ކިޔާ އެވޯޑެއް ދޭ ފަރާތަކުން ބުނާ ބަޔަކަށް، ނުވަތަ އަމިއްލަ ނަން މަޝްހޫރު ކުރުމަށް ފިލްމެއް ކުޅުމަށް ފައިސާކޮޅެއް ދޭ ބަޔަކު ބުނާ ގޮތަށް ދައުލަތުގެ ބޮޑެތި ނިންމުންތައް ނިންމާ ގައުމަކަށް ވުމުން، އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސަނާ ކިޔަސް، އެކަހަލަ ސަރުކާރަށް ކިޔަނީ ގޮނޑިކޮއްކޮ ސަރުކާރު. ދިވެހިންނާ ދޭތެރޭ ބޭރުގެ މީހުން ދެކޭނީ ގުނބޯތަކެއްގެ ގޮތުގައި،" ރައީސް ވަހީދު ވިދާޅުވި އެވެ. "ވެރިކަމުގައި ހުންނާނޭ މީހަކު އިހުތިޔާރު ކުރުމަކީ ވިސްނުމާ އެކު ކުރަންޖެހޭ ކަމެއް. ގައުމެއްގައި ހުންނަ ވެރިއަކީ ގައުމުގެ މޫނުމަތި. ތިޔަބޭފުޅުން މިއަދު ނިންމަވަންޖެހެނީ، ތިޔަބޭފުޅުންގެ ގައުމުގެ މޫނުމަތީގެ ގޮތުގައި ހުންނާނީ، ކޮން ކަހަލަ މީހެއްކަން. އެއީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ހުރި މީހެއްތޯ؟ ތިޔަބޭފުޅުން މިއަދު ނިންމަވަންޖެހެނީ، ތިޔަބޭފުޅުންގެ ގައުމުގެ މޫނުމަތީގައި ހުންނާނީ ކޮންކަހަލަ މީހެއްކަން؟ އެއީ ގައުމުގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާތޯ؟ ތިޔަބޭފުޅުން މިއަދު ނިންމަވަންވީ ގައުމުގައި އޮންނާނީ ކޮންކަހަލަ ވެރިކަމެއްކަން. އެއީ ވިރާސީ ވެރިކަމެއްތޯ؟ މިއީ ހަމަ ތިޔަބޭފުޅުންގެ ނިންމުމެއް."
ރައީސް ވަހީދު ވިދާޅުވީ ވަކި މީހަކަށް ތާއީދު ކުރާތީ ވަކި މީހަކަށް ވޯޓު ދޭން ބުނާ ބަޔަކު ވެސް އެބަތިބި ކަމަށާއި ގައުމަށް ބޮޑެތި ހިދުމަތްތައް ކުރައްވާފައިވާ ބޭފުޅުންގެ ހިދުމަތުގެ އަގު ދަންނަންޖެހޭ ކަމަށެވެ. އެކަމަކު އެބޭފުޅުން ތާއީދު ކުރައްވާ ބޭފުޅުންގެ އެފަދަ ގާބިލުކަމެއް ހުރިތޯ ސުވާލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންނަމަ، ގައުމު ހިންގުމުގައި ކަން ކުރައްވާނީ އެހެން ބޭފުޅެއްގެ ލަފާގެ މަތިންނޭ ވިދާޅުވާކަށް ނުޖެހޭނެ. އެހެންވުމާ އެކު ވޯޓު ދެއްވަން ވާނީ ޕާޓީގެ ލީޑަރަކަށް ނޫން. ކެންޑިޑޭޓާއި ރަނިން މޭޓަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށާއި އޭނާގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ.
މައުމޫނާއި ޔާމީނަށް ރައީސް ވަހީދު ދެއްވި ބަހުގެ ހަމަލާތަކާ އެކު އެމަނިކުފާނު ފުޓުބޯޅަ މެޗެއްގެ މިސާލު ވެސް ނެންގެވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ގައުމީ ޓީމަށް ވެސް ކެޕްޓަނާއި ވައިސް ކެޕްޓަނަށް އެކަނި 90 މިިނިޓް ހހިފަހައްޓާ ނުލެވޭ ކަމަށާއި ކިތަންމެ ތަޖުރިބާކާރު ކޯޗަކު ހުއްޓަސް އެކަމެއް ނުކުރެވޭ ކަމަށެވެ.
"މޮޅު ހުނަރުވެރި ފޯވާޑުންނާއި ޑިފެންސް ޕްލޭޔަރުންނާއި މެދަށް ކުޅޭ މީހުންނާއި އަދި ގޯލް ކީޕަރުން ބޭނުންވާނެ. އަދި އެއިން ބޭފުޅަކަށް ކަމެއް ދިމާވެއްޖެނަމަ، ބަދަލަށް އަރާނޭ މޮޅު ކުޅުންތެރިންނާއި ބޭފުޅުންގެ އަތް ގާތްކޮށްދޭން ތިބޭ، މެޑިކަލް މީހުން ހިމެނޭ ގޮތުން. މިއީ ފުޓުބޯޅައިގެ ޒާތު ކަމުގައިވާ ފަދައިން ގައުމެއް ހިންގުމަށް ވެސް ބޭނުންވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނާއިބެއް ނޫން. ނުވަތަ ޕާޓީގެ މުސްތަޝާރުގެ ލަފާ އެކަންޏެއް ނޫން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެމަނިކުފާނުގެ ޕާޓީގެ ބޭފުޅަކު ކެބިނެޓަށް ނުގެންނަވާ ކަމަށެވެ. އަދި ކެބިނެޓުގައި ތިއްބެވި ގިނަ ބޭފުޅުންނާ އެމަނިކުފާނާ ފުރަތަމަ ފަހަރަށް ބައްދަލުވީ ވެސް އެ ބޭފުޅުން ކެބިނެޓަށް އައްޔަން ކުރެއްވި ފަހުން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކޯލިޝަން ޕާޓީތަކާ އެކު އެއްބަސްވުމެއްގައި ސޮޔެއް ނުކުރައްވަ އެވެ. އެ ޕާޓީތަކަށް ރައްދު ދެއްވައި ރައީސް ވަހީދު ވިދާޅުވީ އެބޭފުޅުންގެ "ހެޔޮފުޅު ހުރިވަރު ތިޔަބޭފުޅުންނަށް މިހާރު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ" ކަމަށެވެ. އަދި ސަރުކާރުގެ މަގާމުތަކުގައި އެ ޕާޓީތަކުގެ ބޭފުޅުން ތިއްބަވާއިރު ރައްޔިތުންގެ މަޖިލީހުގައި ކަންކަން ހިނގާ ގޮތް ވެސް ފެންނާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑާ މެދު ވިދާޅުވާ ބަސްފުޅު ވެސް އިވިވަޑައިގަންނަވާނެ. އެހެން ނަމަވެސް މިއަދު ވެސް އަޅުގަނޑު މި މަސައްކަތްކުރަނީ ކެތްތެރިކަމާ އެކު ވީހާ ވެސް ގިނަ ބަޔަކާ އެކު ގައުމު ހިންގޭތޯ؟ މަޑުމައިތިރިކަމާ އެކު އިންތިހާބެއް ބޭއްވޭތޯ؟ މިކަމުގައި އަޅުގަނޑަށް ވުރެ ބޮޑަށް ދޫ ދިން މީހަކު ނުހުންނާނެ. އެއީ ގައުމުގެ ހައްގުގައި އަމިއްލަ ކަންކަން ދޫކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާތީ. ޒާތީ ތައައްސުބަކުން އަޅުގަނޑުގެ ނިންމުންތައް ކަނޑައަޅާ މީހަކަށް އަޅުގަނޑު ނުވާނަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވުމަށް މިދިޔަ ދެ އަހަރު އެމަނިކުފާނު ސާބިތުކަން މަތީގައި ހުންނެވި ކަމަށެވެ. އަދި ގައުމު މިއަދު އެދެނީ އެކަކު ވެސް ބާކީ ނުކޮށް، ގައުމައިގެން ކުރިއަށް ދާނޭ ވެރިއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް ވެރިކަމަށް ނުގެންނަންވީ ސަބަބުތައް އެބަހުރި: ރައީސް ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ