ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ފުލުހުންނަށް ނުފޫޒު ފޯރުވާކަމަށް ބުނެ - އަބްދުﷲ ރިޔާޒް

ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ، ފުލުހުންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި މަޖިލީހުގެ މިހާރުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ފުލުހުން ބަލަމުންދާ މައްސަލައެއްގައި އަބުދުﷲ ރިޔާޒު މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ފުލުހަށް ހާޒިރުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަބުދުﷲ ރިޔާޒު ވިދާޅުވީ، ފުލުހުން ސުވާލުކޮށްފައި ވަނީ، އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ ދެއްކެވި ވާހަކަ ތަކަކާއި ގުޅޭގޮތުން ކަމަށެވެ.
ރިޔާޒް ވިދާޅުވީ ފުލުހުން ސުވާލު ކުރީ އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްކޮންފަރެންސެއްގަ "ދިވެހިރާއްޖެ މާފިޔާ ގޭންގަކަށް ވުމަށް ޤަބޫލު ނުކުރާކަމާއި، އަދި ފުލުހުންވެސް އެކަން ބޭނުން ނުވާނެ ކަމަށް" ވިދާޅުވެ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކަމަށާއި, ސިޔާސީ ފޯރަމްތަކުގައި އެގޮތަށް ދައްކާ ވާހަކައަކާއި ގުޅިގެން ސުވާލުކުރަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި ބައްދަލުވުމުގައިވެސް ފުލުހުންގެ މުއައްސަސާއިން އެ މުއައްސަސާގެ ޤާނޫނާއި، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރުމަށް ދެންނެވި ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ރިޔާޒު ވިދާޅުވީ ފުލުހުން ދެން ސުވާލުކޮށްފައިވަނީ ލިބެން ނުޖެހޭ މައުލޫމާތުތަކެއް ރިޔާޒަށް ލިބޭ ކަމަށްބުނެ އެކަމާއި ގުޅިގެން ކަމަށާއި, މައުލޫމާތު ލިބުމަކީވެސް ކުށަކަށްވާގޮތަށް ދޭހަވާގޮތަށް ފުލުހުން ސުވާލުކޮށްފައި ވާއިރު، މައުލޫމާތު ހޯދުމާއި ލިބިގަތުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަމަށެވެ.
އަބުދުﷲ ރިޔާޒު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުގެ މައިގަނޑު މަޤްސަދަކީ ގިނަ ޕާޓީތަކުން އެއްމޭޒުދޮށަށް އެއްވެ، ކުރަމުންދާ މަސައްކަތް ހުއްޓުވާލުން ކަމަށާއި, މުއައްސަސާތަކަށް ގެންގޮސް ސުވާލުކޮށް ބިރުދެއްކި ނަމަވެސް އެމަނިކުފާނު ކުރަމުންދާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.
ރިޔާޒު އިއްޔެ ފުލުސް އޮފީހަށް ހާޒިރުކުރެއްވި އިރު, މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ރިޔާޒު ފުލުހަށް ހާޒިރުކޮށް ރިޔާޒުގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. ފުލުހުން ރޭ އަބުދުﷲ ރިޔާޒު ހައްޔަރުކުރީ މާވެޔޮމަގަށްވާ ގޮތަށް ހުންނަ އޭނާ ދިރިއުޅުއްވާ ގެއިން ނިކުމެވަޑައިގެންނެވި ތަނުންނެވެ. ރިޔާޒު ވިދާޅުވީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު ތިންމަސް ދުވަހަށް ފޯނު ހިފަހައްޓާފައިވާކަން އަންގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ