ފުރަތަމަ އަހަރު އައްޑޫގެ ފެނާއި ނަރުދަމާ ގާއިމު ކުރާނަން: ގާސިމް

ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި ފުރަތަމަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ޖުމްހޫރީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި މާލެއިން ލިބޭ ހުރިހާ ހިދުމަތެއް އައްޑޫން ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ތަސައްވުރު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ސަބަބަކީ އެމަނިކުފާނުގެ ވިޔަފާރިތައް ހިންގުމުގައި ގިނައިން ތިބީ އައްޑު އަށް ނިސްބަތްވާ ބޭފުޅުން ކަމަށެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަރަބި އިސްލާމް ކިޔަވައިދޭ ތައުލީމީ މަރުކަޒުތަކެއް ގާއިމުކުރައްވާނެ ކަމަށާއި އޭގެ ތެރެއިން އެއް މަރުކަޒު ގާއިމު ކުރައްވާނީ އައްޑޫ ސިޓީގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ކޯލިޝަންގެ ވެރިކަމުގެ ފުރަތަމަ އަހަރު ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމައި އެ އެއާޕޯޓުން ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތައް ރާއްޖެ އިން ބޭރަށް ދަތުރުކުރަން ފަށާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖެ ތަރައްގީ ކުރާނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ތައްޔާރުކުރާ މާސްޓާ ޕްލޭނެއްގެ ދަށުން ދުބާއީ އާއި ސިންގަޕޫރުގެ ފެންވަރުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ