ރައީސް ޔާމީނަކީ އެހެން ބޭފުޅުންނަށް ނުކުރެވޭ ކަންކަން ކުރައްވާ ބޭފުޅެއް: މެމްބަރު ޔާމީން

ރައީސް އަބްދުﷲ ޔާމީނަކީ އެހެން ބޭފުޅުންނަށް ނުކުރެވޭނެ ކަންކަން ކުރައްވާ ވެރިއެއް ކަމަށާއި ނ. ވެލިދޫގައި ސަރުކާރުން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ މަޝްރޫއު މިހާރު ވެސް ހިންގަމުން އަންނަ ކަމަށް އެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވެލިދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ވެލިދޫގައި ސަރުކާރުން ކުރިއަށް ދަނީ މެގަ ޕްރޮޖެކްޓްތަކެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ "އިމްޕޮސިބަލް" ކަންކަން "ޕޮސިބަލް" ކަންކަމަށް ބަދަލު ކުރައްވާ ވެރިއެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
މެމްބަރު ޔާމީން، އެ ވާހަކަތަކަށް ބާރުދީ މިސާލުގެ ގޮތުގައި ނެންގެވީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ މަޝްރޫއުތަކެވެ.
"އަޅުގަނޑުމެންނަށް [ވެލިދޫ ރައްޔިތުންނަށް] މި ލިބެނީ އަންލިމިޓެޑް ތަރައްގީ. މިކަމުގެ މޭސްތިރިއެއްގެ ގޮތުގައި އޭރު ވެސް ހުންނެވީ ރައީސް ޔާމީން. މިއަދު ވެސް ވަޑައިގެން ތި އިންނެވީ ހަމަ މި މަސައްކަތުގައި،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މެމްބަރު ޔާމީން ވިދާޅުވި އެވެ.
ވެލިދޫ ބަނދަރު އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އެ ރަށު ބަޔަކު ބައިވެރިވަނީ. ---ފޮޓޯ: ހައުސިން މިނިސްޓްރީ
ޔާމީން ވިދާޅުވި ގޮތުގައި ނ. އަތޮޅު ރައްޔިތުންނަކީ ކުރިން ކާށި ވިއްކައިގެން މަންފާ ހޯދި ބައެކެވެ. އެކަމަކު، އެ ވިސްނުން ބަދަލުކޮށް، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ތަރައްގީގެ މަޝްރޫއުތަކެއް މުޅި ނ. އަތޮޅުގައި ވޭތުވެދިޔަ ހަތަރު އަހަރު އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން އަތޮޅުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރިސޯޓުތައް ހުޅުވައި، މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާ އާއި ބަނދަރު ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެލިދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ ކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިފައިވާ ކަމަށެވެ. އަދި ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެހެންވެ، ރައީސް ޔާމީން ގެނެސްދެއްވަމުން ގެންދަވާ ތަރައްގީއަށް ނޫނެކޭ ބުނެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން، ވެލިދު އަށް ވަޑައިގެން އެ ރަށު ބަޔަކާ ސަލާމް ކުރައްވަނީ. ---ފޮޓޯ: ހައުސިން މިނިސްޓްރީ
"ރައީސް ޔާމީން ކުރައްވާނަމޭ ވިދާޅުވެއްޖެއްޔާ އެކަމާ އެއްވެސް ޝައްކެއް ނޯންނާނެ. އެކަން ކުރައްވާނެ ގޮތް އެމަނިކުފާނު ހޯއްދަވާނެ. މިއަދު މި ފެންނަނީ އޭގެ ހެކި،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ މިއަދު ހަވީރު ވެލިދު އަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުއްވައި ދެއްވައިފަ އެވެ. ބަނދަރު އިފްތިތާހުކޮށް ދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައި ދެއްވައިފަ އެވެ. މި ބަނދަރަކީ 800 ފޫޓު ދިގު، އަދި 250 ފޫޓު ފުޅާ ބަނދެރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ