ޤައުމަށް ހެޔޮއެދޭ މީހެއްނަމަ ރައީސް ޔާމީންގެ ފަހަތްޕުޅަށް ވަޑައިގެންނެވުމަށް މެމްބަރު މުފީދު ގޮވާލައްވައިފި

މި ޤައުމަށް ހެޔޮއެދޭ މީހެއްނަމަ ރައީސް ޔާމީންގެ ފަހަތްޕުޅަށް ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖުލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ގޮވާލައްވައިފިއެވެ.
ޗެނެލް 13 ގެ ނަނާހުވަފެން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުފިދު ވިދާޅުވީ، ޤައުމަށް ބޮޑުހުޅުގެ ޒަމާން އަލުން އިއާދަވަން ބެނުން ނުވާ ކޮންމެ ބޭފުޅަކު، ޤައުމު އަނަރޫފަވެ އަނދާ އަޅިއަށްވާން ބޭނުންނުވާ ކޮންމެ ބޭފުޅަކު، ޒުވާނުން"ހަނދުވަރު ކުރތްޕެކޭ" އެއްގޮތަށް މަގުތަށް މަތިން ފެންނަން ބޭނުނުވާ ކޮންމެ ބޭފުޅަކު އަދި ޤައުމަށް ބޭނުން ވާ ފައިދާ ހުރިކަންކަން ޤައުމަށް ހޯދައިދިނުމަށް ބޭނުންވާ ކޮންމެ ބޭފުޅަކު މިއަދު ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާ ވަޑައިގަންނަވާން ޖެހޭކަމަށެވެ.
ރައީސް ޔާމީން އަށް، ޕްރައިމަރީ އަކާއި ނުލާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑެންސީ ދެއްވާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް އަލިއަޅުވާލަވަމުން މުފީދު ވިދާޅުވީ، މިހާރު ފެނިގެން މިދަނި ރިޔާސި އިންތިޚާބު ފެށިގެންދާން ވަގުތު ކުޑަތަން ވަމުން އަންނާތީ، އެބޭފުޅުންގެ ތެރޭގައިހުރި އުދާސްތައް ބޭރު ކޮށްލުމަށްޓަކައި ދައްކަމުން އަންނަ ވާހަކަތައް ކަމަށެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް ކޮޅުގައި ރައީސް މުހައްމަދު ނަޝީދުގެ ނަމަކީ އޮންނނެ ނަމެއް ނޫން ކަން، މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ޤަބޫލު ކުރަނޭ ކަމށާއި އަދި އެމްޑީޕީ މީހުން ޕީޕީއެމްގެ ސިޔާސަތާ ބެހުމަށްވުރެ އަމިއްލަ ޕާޓީ ނަގަހައްޓާ ޕާޓީގެ ކަންކަން ހަރުދަނާ ކުރަން މަސައްކަތް ކުރުން އެބޭފުޅުންގެ މައްޗަށް މާ ލާޒިމު ކަމަށްވެސް މުފީދު ވިދާޅުވިއެވެ.
މުފީދު އިތުރަށް ވިދާޅުވީ ޤާނޫނު އަސާސި އާއި ޤާނޫނުގެ މާއްދާތަކުގެ ވާހަކަ އެމްޑީޕީ ބޭފުޅުން ދައްކަވަމުން ދާއިރު، އެބޭފުޅުންގެ ވެރިކަމުގައި ޤާނޫނު އަސާސާ އާއި ޤާނޫނަށް އެބޭފުޅުން ކަމޭހިތި ވަރާ ޢަމަލުތައް ބެހެއްޓެވި ގޮތްވެސް ދިވެހި ރައްޔިތުން އަދި ހަނދާން ނުނެތޭ ކަމަށެވެ.
ޕީޕީއެމްގެ ކެންޑިޑެންސީ ދެއްވާނެ ބޭފުޅަކާއި ޕީޕީއެމްގެ އަސާސި ޤަވާއިދާއި މިހުރިހާ ކަމެއް ދިރާސާކޮށް ނިންމާނީ ޕީޕީއެމްގެ ކައުންސިލުން ކަމށާއި އެކަމާ އެމްޑީޕީއިން ކަންބޮޑުވާން ނުޖެހޭ ކަމަށްވެސް މުފީދު ވިދާޅުވިއެވެ.
މުފިދު ވިދާޅުވީ އެމްޑީޕީގެ ބޭފުޅުން ޖަޒްބާތުގައި ޖެހިވަދާއިގެން ތަކުރާރު ކޮށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ނަން ވިދާޅުވަމުން އަންނަ އިރު އެބޭފުޅުން އެކޮށްދެއްވަނީ ވަރަށް ހެޔޮ ކަމެއް ކަމަށެވެ. އަދި ޕީޕީއެއެމްގެ ކެންޑިޑޭޓުގެ ނަން ގިނަ ގިނައިން ތަޢާރަފް ކުރަމުން ދާތީ އެކަމަށް ޝުކުރުވެސް ވަނީ އަދާ ކުރައްވާފައެވެ.
މި ޤައުމުގެ ރައްޔިތުން މިޤައުމަށް އަލުން ޚަރީފު މޫސުމް ގެންނަން ބޭނުން ނުވާ ކަމަށް ވެސް މުފީދުވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުން ދިވެހި ޤައުމުގެ ވަލީއުލް އަމްރުގެ ގޮތުގައި އިންތިޚާބުކުރަން ބޭނުން ވާނީ ދިވެހިރާއްޖެ އާއިގެން ކުރިއަށް ދެވޭ ވަރުގެ ފެހި އަލިގެ ސިގުނަލް ބަލާލި ކޮންމެ ދިމާލަކުން ދެއްވޭވަރުގެ ބޭފުޅެއް ކަމަށާއި އެވަރުގެ ބޭފުޅަކު އިދިކޮޅުގައި ނެތްކަމަށެވެ.
މުފީދު ވިދާޅުވީ، މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް ކަތިނަޒަރަކުން ބަލާލިޔަސް ފެނިގެންދާނީ ފެހި އަލީގެ ސިގްނަލް ކަމަށާއި އެހެންކަމުން ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެބަސް ނުވާނެ ކަމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އެންމެ އެކަށޭނެ ބޭފުޅަކީ ރައީސް ޔާމީންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ