އއ.ރަސްދޫގައި އިދިކޮޅު އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދާ ސަރަހައްދު "އިންސާފުގެ މައިދާނަށް" ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯއިން ދެކޮޅު ހަދާފައިވާ ކަމަށް އެރަށުން ބުނެފިއެވެ.
ވާނުވާއަށް މައުލޫމާތު ލިބުނުގޮތުގައި ލޭންޑު ޔޫސް ޕްލޭން ނެތް ކަމަށް ބުނެ އެސަރަހައްދަށް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހަދާފައިވަނީ އެންމެ ފަހު ވަގުތުއެވެ.
މައުލޫމާތު ދިން އެރަށު ޒުވާނަކު ބުނީ އެސަރަހައްދަކީ 2012 ވަނަ އަހަރުންފެށިގެން ބޭނުން ކުރަމުން އައި ތަނެއްކަމަށާއި ނަމަވެސް އޭރު ބޭނުން ކުރަމުން އައި އެތާ ކައިރީ ހޮޓަލަކުން ކަރަންޓް ނަގައިގެން ކަމަށެވެ. ނަމަވެސް ފަހުން އެ ހޮޓަލުން އެގޮތަށް ކަރަންޓް ނުދެވޭނެކަމަށް ބުނުމުން އެސަރަހައްދަ ކަރަންޓްލާން މަސައްކަތް ފެށީކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ކަރަންޓު ލާން ބޭނުންވާ ހުރިހާ ތަކެތި ހަމަކޮށް ހުށަހެޅުމުން ކަރަންޓު ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށްފަހު، ސްޓެލްކޯގެ މުވައްޒަފުން ވެސް ތިބެގެން އެސަރަހައްދުގައި ކޯރު ކޮނެ ކޭބަލު ވެސް ވަނީ ވަޅުލާފައެވެ.
ރަސްދޫ ކައުންސިލުގެ ރައީސް އަބްދުލް ޖަލީލު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ރަސްދޫގައި އެފަދަ ތަންތަނަށް ކަރަންޓު ދީފައިއެބަހުއްޓެވެ. އެެހެންނަމަވެސް މިއީ ލޭންޑް ޔޫސް ޕްލޭނެއް ހުށަހަޅަން ޖެހުނު ފުރަތަމަ ފަހަރެވެ.
މިހަބަރާއި ގުޅިގެން ރަސްދޫ އިންޖީނުގޭގެ ފަރާތުން ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އިދިކޮޅުފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އިންޖީނުގެއިން އެންމެ ފަހުވަގުތު ކަރަންޓު ދޭން ދެކޮޅު ހަދާފައިވަނީ ދާދި ފަހުން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އެރަށަށް ވަޑައިގެންނެވުމުން ކައުންސިލުން އެއްބާރުލުން ނުދިނުމާއި، އެރަށުން ލިބުނު ތަރުހީބު ކުޑަވުމުން އިދިކޮޅުފަރާތްތަކަށް ހަރަކާތްތައް ހިންގިޔަ ނުދޭން ކުރި ކަމެއް ކަމުގައެވެ.
ރަސްދޫ "އިންސާފުގެ މައިދާން" އަށް ކަރަންޓު ދޭން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ