ހަނޑޫ، ހަކުރު، ފުށް، އަދި ފެނާއި ކަރަންޓް މާލެއާ އެއް އަގެއްގައި ދޭނަން: ގާސިމް

ވެރިކަން ލިބިވަޑައިގެންފި ނަމަ މާލެއިން ލިބޭ އަގުތަކެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ހަނޑުލާއި ހަކުރާއި ފުށާއި ފެނުގެ އިތުރުން ކަރަންޓުގެ ފޯރުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ލ. އަތޮޅު ގަމު އިހައްދޫ ސްކޫލްގައި މިރޭ ބޭއްވި ރަސްމީޔާތުގައި ގާސިމް ވަނީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދޭނެ ތިން ވައުދެއް އިއުލާން ކުރައްވައިފަ އެވެ. އެގޮތުން މާލެ އިން ލިބޭ އަގުގައި ހަނޑޫލާއި ހަކުރާއި ފުށާއި ފެނުގެ އިތުރުން ކަރަންޓު ރާއްޖޭގެ ކޮންމެ ރަށެއްގައި ފޯރުކޮދެއްވާނެ ކަމަށާއި ރާއްޖޭގެ ކޮންމެ ގެއަކަށް އިންޓަނެޓްގެ ހިދުމަތް އޭނާގެ ވެރިކަމުގެ ދެ އަހަރު ދުވަހުގެ ތެރޭ ފޯރުކޮށް ދެއްވާނެ ކަމަށް ވިދާށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ފޯރުކޮށްދިނުމަށް ޓަކައި ބައިނަލްއަގުވާމީ ބަނދަރެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަހަރު ދުވަހުގެ ތެރޭގައި ލ. އަތޮޅުގައި ގާއިމްކޮށްދެއްވާނެ ކަމުގެ ވައުދު ވެސް ގާސިމް ވެވަޑައިގެންނެވި އެވެ.
"ވެރިކަމަށް ވަޑައިގަންނަވާ މީހަކު ދައްކާ ވާހަކަ ހަނދާން ނައްތާލައިގެން ނުވާނެ. އެއީ ރައްޔިތުން ވިސްނަން ޖެހޭ ވާހަކަތަކެއް. އެއީ ވަރަށް ސީރިއަސް ވާހަކަތަކެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ "ކޮންމެ ކޮންމެ މީހަކަށް ތަރައްގީ ނުގެނެވޭނެ" ކަމަށާއި ތަރައްގީ ގެނައުމަކީ "ކުޑަ ކަމެއް" ނޫން ކަމަށެވެ. އަދި އޭނާ އާ އެއް ފެންވަރަށް ރާއްޖެ އަށް ތަރައްގީ ގެނެވޭނެ މީހަކު ވެސް ނެތް ކަމަށާއި ދުވަހަކު ވެސް މީހަކަށް އޮޅުވާލައި މަކަރު ހަދާފައި ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ސާހިބެއްގެ މަގާމުން ހާދިމަކަށް އަޅުގަނޑު ދާން ބޭނުންވަނީ މި ސަބަބަށް ޓަކައި. ގައިމު މި ގައުމަށް ތަރައްގީ ހޯދައި ދިނުމަށް ޓަކައި. އަޅުގަނޑު މިހިރީ ރައްޔިތުންނަށް ޓަކައި ހާދިމަކަށްވާން އަޅުގަނޑު މަސައްކަތް ދޫކޮށްލަން ތައްޔާރަށް،" ގާސިމުގެ ވިޔަފާރީން އެއްފަރާތްވެ ރައްުޔިތުންނަށް ހިދުމަތް ކުރެއްވުމަށް ވެރިކަމަށް ވަޑައިގަތުމަކީ ހާދިމަކަށް ބަދަލުވެވަޑައިގަތުން ކަމަށް އިޝާރާތްކޮށް ގާސިމް ވިދާޅުވި އެވެ.
ގައުމުގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި އެ އަތޮޅުގެ ގިނަ ކައުންސިލަރުންތަކެއް ވަނީ ޖުމްހޫރީ ޕާޓީ އަށް ގުޅިވަޑައިގެންފަ އެވެ. އަދި އެ ޖަލްސާގައި ގާސިމްގެ "ފުލައިމީ"ގެ ދަތުރުތައް ލ. ކައްދުއަށް "ހެޔޮއަގުގައި" ފައްޓަވާނެ ކަމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ގާސިމު ކުރިން ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވީ ރާއްޖޭގެ ސާނަވީ ތައުލީމު ހާސިލު ކުރާ ކޮންމެ ކުއްޖަކަށް އޭނާގެ ވެެރިކަމެއްގައި ލެޕްޓޮޕް ކޮމްޕިއުޓަރއެއް ދެއްވާނެ ކަމަށާއި އޭލެވެލް އިމްތިހާނުން ފަސް މާއްދާ އިން ފާސްވާ ކޮންމެ ކުއްޖަކަށް ޑިގްރީއަށް ކިޔެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ