ސުޕްރީމް ކޯޓު މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މަގާމް، ދިފާއު ކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށާފައިވަނިކޮށް، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ވެސް މިއަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.
މި ދެ މެމްބަރުން ވަކިވެވަޑައިގަތުމާ އެކު، މަސީހު ވަކި ކުރަން ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން ޕީޕީއެމުން ވަކިވެވަޑައިނުގެން ހުންނެވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޝާހު އާއި އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ.
ޕީޕީއެމުން ވަކިކޮށްދޭން އެދިވަޑައިގެން މެމްބަރު އަބްދުﷲ ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީން ވަކިވަނީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ބޭނުންވާތީ ކަމަށެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ޖަލްސާއެއްގައި ވާހަކަ ދައްވަނީ. - ފޮޓޯ: މަޖިލިސް
އަބްދުﷲ އާއި ތޯރިގުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވަނީ އެ ޕާޓީން ވަކިވެފަ އެވެ.
މި މެމްބަރުން ޕީޕީއެމުން ވަކިވުމާ އެކު، އެކު އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު 35 އަށް ވަނީ ވެއްޓިފަ އެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދަކީ މިހާރު 40 އެވެ.
ތޯރިގާއި އަބްދުﷲ ވެސް ޕީޕީއެމުން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ