ކާވިން...8

ދެ މީހުން އެނބުރި އައީ އައި ކޮޅަށެވެ. ކާވިންގެ ފަހަތުގައި ހުރި އީންއަށް ހިނގެމުން ދިޔައީ، ކޮރަމުން ކަހަލަ ގޮތަކަށެވެ. ފެހިޒާދީ ގޭގެ ބޭރުގައި ހުއްޓިފައި ސަލާން ގޮވާލީ އީން އެވެ. އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. ދޮރު ވެސް ހުރީ ހުޅުވާފަ އެވެ. އީން ހާސްވެފައި ކާވިންގެ މޫނަށް ބަލައިލި އެވެ. ކާވިން އޭނާގެ ލޮލުގެ އިޝާރާތުން އެދުނީ، މަޑުމަޑުން އެތެރެއަށް ވަނުމަށެވެ. އީން އޭނާ ގެންގުޅޭ ޚާއްސަ ހަތިޔާރު ނަގައި އަތަށް ހެޔޮވަރު ކޮށްލި އެވެ. އޭގެ ފަހުގައި އޭނަ މަޑުމަޑުން ގޭތެރެއަށް ފިޔަވަޅެއް އަޅާލި އެވެ. ފުރަތަމަ ފިޔަވަޅާއި އެކުވެސް، އީންއަށް އޭނާގެ މޫނު އަނބުރައިލަން މަޖުބޫރުވީ އަނެއް ފަރާތަށެވެ.
********
ގެއަށް ވަންނައިރު، އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަ ގޮތަށް ހުރި ކޮޓަރީގެ ދޮރުމަތީގައި އޮތީ ލެއިން ތަތްތެޅިފައި އޮތް އަންހެނެކެވެ. އީންގެ ފަހަތުން އެތެރެއަށް ވަން ކާވިން ދުވެފައި އަންހެން މީހާގެ ކައިރިއަށް ދިޔަ އެވެ. އެއީ ނިޔާމާގެ މަންމަ ހަމްދޫނާ އެވެ. ހަމްދޫނާގެ ކަރަށް ދީފައިވާ ހަމަލާގެ ސަބަބުން ދުނި ޖަހާފައި ލޭ އަންނަމުން ދިޔަ އެވެ. އެ ހަށިގަނޑުގައި ފުރާނަ ހުއްޓެއް ކަމަކު، މަރަށް ތެޅެނީ އެވެ.
ކާވިން އޭނާގެ އަތްދަނޑި މައްޗަށް އެ ހަށިގަނޑު އުފުލައިލި އެވެ. ދުވެފައި ދަމުން އޭނަ އީންގެ ކައިރީގައި އެދުނީ ތަޙުލީލު ޓީމަށް ގުޅައިގެން އެތަނަށް ގެނައުމަށެވެ.
އީން ހުރީ ބިރުންނެވެ. ލިބިފައިވާ ސިހުމުގައި އޭނަ ހުރީ ފިޔަވަޅެއް ވެސް އަޅައިލަން ނޭނގިފަ އެވެ. އަނބުރައިގަންނަ ހެންވެސް އޭނައަށް ހީވަނީ އެވެ. އޭނަ ނުހާމްއަށް ގުޅާފައި ބޭއްވިއިރު، ހިތް ތެޅެމުން ދިޔަ އެވެ. ތަޅުމުގައިވާ ލޭތަކުގައި ނުޖެހި، އޭނަ އެ ކޮޓަރި ތެރެއަށް ދެމިގަތެވެ. އެތެރޭގެ އެކި ތަންތަނަށް ނަޒަރު ހިންގައިލި އެވެ. ކޮޓަރީގައި ބަހައްޓާފައިވާ ސާޅީސް ދެ އިންޗީގެ ޓީވީ ހުރީ އަޅުވާފަ އެވެ. ފަންކާގެ ފިޔަތައް ލަސްލަހުން އެނބުރެމުން ދިޔަ އެވެ. ހަމަލާ ދީފައިވަނީ، ހަމްދޫނާ ޓީވީ ބަލަން އިންދައި ކަން އެނގުނީ، ފަންކާ އާއި ދިމާގައި ބަހައްޓާފައިވާ ސަރަންފީ ގޮނޑީގައި ވެސް ލޭގެ ނިޝާން ހުރުމުންނެވެ. ކޮޓަރި ތެރޭގައި އިތުރު މީހަކު ނެތެވެ. އީން ގޮސް ފާހާނާގެ ދޮރު ހުޅުވައިލި އެވެ. އެތަނުގައި ވެސް އިތުރު މީހަކު ނެތެވެ.
ފާރުގައި ހަރުކޮށްފައިވާ ފޮޓޯތަކަށް ބަލަމުން ދަނިކޮށް، ކުއްލިއަކަށް އީންގެ ލޮލުގައި އަޅައިގަތީ، އޭނަގެ ފަހަތުގައި އައިސް ހުއްޓިލި މީހެއްގެ ހިޔަންޏެވެ. އެމީހެއްގެ ދިގު ހިޔަނި، ފާރަށް އެޅިފައިވާގޮތުން އީންގެ ހިތް ހީވީ ބޭރަށް ފުންމައިލި ހެންނެވެ. އޭނަ އާއި ދިމާއަށް އެމީހަކު އަތް އުފުލައިލި ތަން ފެނުމުން އީން ލާން އުޅުނު ނޭވާ އެތެރެހަށީގައި ތާށިވި އެވެ. އޭނައަށް ހިންދިރުވައިލެވުނެވެ. އަތުގައި އޮތް ހަތިޔާރުގައި ބާރަށް ހިފަހައްޓާލީ، ރައްދުގައި އެމީހަކަށް ހަމަލާއެއް ދިނުމަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
އީން ފަސްއެނބުރުމުގެ ކުރީން އެ މީހަކު އޭނަގެ އަނގަ އާއި ނޭފަތް މަތީގައި އަތް އަޅައިފި އެވެ. ސަލާމަތްވުމަށް އޭނަ ތެޅިގަތެވެ. އެކަމަކު އިސާހިތަކު އެ ހަށިގަނޑުގެ ވަރު ދޫވެގެން އެ މީހެއްގެ އަތުގެ ތެރެއަށް ދެމިއްޖެ އެވެ.
********
ހޮސްޕިޓަލުގެ ގޯތި ތެރޭގައި ބަހައްޓާފައިވާ ގޮނޑިއެއްގައި ޔުނާން އިނީ ފޮތަކާއި ގަލަމެއް ހިފައިގެންނެވެ. ކައިރީގައި އިސްޖެހިފައި އިނީ ޒުހޭލާގެ ކޮއްކޮ ފިރާޝާ އެވެ. ވާހަކަ ނުދެއްކިގެން އޭނަ އިނީ ދެ ތުންފަތް ފިތާލައިގެންނެވެ. ދޭތެރެއަކުން ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަ އެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލަ އެވެ. ފިރާޝާ އެއްޗެއް ބުނާނެ ވަގުތެއްގެ އިންތިޒާރުގައި ޔުނާން އިނެވެ. ދިހަ މިނެޓު ފާއިތުވި އިރުވެސް ފިރާޝާ އަކަށް ވާހަކަ ދެއްކުނު ކަމަކަށް ނުވި އެވެ. އޭނަ އެންމެ ފަހުން ފޫހިވެގެން ފޯނު ނަގައި އީންއަށް މެސެޖެއް ފޮނުވައިލި އެވެ.
"އަހަންނަށް ޔަޤީން މީ އެ ނަސީމް ކުރި ކަމެއް ކަން..." ކުރެހިފައިވާ އަޑަކުން ފިރާޝާއަށް ބުނެވުނީ އެހެންނެވެ.
ފޯނަށް ގޮސް ގެއްލިފައި އިން ޔުނާން އަވަހަށް ފޯނު ޖީބަށް ލިއެވެ. އޭނަ ފިރާޝާގެ ވާހަކައަށް ފުރިހަމަ ސަމާލުކަން ދިނެވެ.
"ކީއްވެ ތިހެން ތިބުނީ؟..." ޔުނާން ސުވާލު ކުރި އެވެ.
"ދައްތަ އެންމެފަހުން ދިޔައީ އެގެއަށް... އެ ނަސީމް ކައިރިއަށް... އޭގެ ފަހުން ދައްތައަށް އެހެން އެވީ..." ފިރާޝާ ރޮއެރޮއެފައި ވާހަކަ ދައްކަމުން ދިޔަ އެވެ.
"އަހަރެން އަޑުއެހިން އެ ނަޞީމްއަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހެކޭ... ވެދާނެ ދައްތައަށް އެކަން ފަޅާއެރީމަ ކަމަށް އެހެން އެ ހެދީ..." ކަރުނަ ފޮހެމުން ފިރާޝާ ބުންޏެވެ.
ޒުލޭހާ އާއި ދިމާއަށް ކިޔުނު އެއްޗެހި ހަނދާންވެ، ފިރާޝާގެ ހިތް ވަނީ ކުދިކުދި ވެފަ އެވެ. އެ ހަނދާނަށް އަންނަމުން ދިޔައީ، ޒުލޭހާ އޭނައަށް ކޮށްދިން ކަންކަމެވެ. ކިޔަވައިދިނުމަށް ވެދިން ޤުރުބާނީ އެވެ. ބަދަލުގައި އޭނައަށް ކޮށްދެވުނު ކަމެއް ނެތެވެ. ދެވުނީ ޒުލޭހާގެ ހިތުން ނުފިލާނޭ ހިތާމަތަކެވެ. ދުލުން ބޭރު ކުރެވިފައިވީ ވެސް، ވިހަގަދަ ބަސް ތަކެވެ. ކުރާނީ ކީއް ހެއްޔެވެ؟ ގިނަ ފަހަރަށް މީހެއްގެ މުހިއްމު ކަން ވިސްނެނީ އެ މީހަކު އަބަދުގެ އަބަދަށް ވަކިވެގެން ދިޔުމުންނެވެ.
ފިރާޝާގެ ބަޔާން ނިމުމާއިއެކު، ލަޔާން ނިމެންދެން ޔުނާން ދުރުގައި މަޑުކުރީ އެވެ. ލަޔާން އިނީ މުޙައްމަދުފުޅުގެ ބަޔާން ނަގާށެވެ. ފިރާޝާ އާއި ޚިލާފަށް މުޙައްމަދުފުޅު އިނގިލި ދިއްކުރީ ނަސީމްގެ ބައްޕަ ޤައްޔޫމަށެވެ.
"ނަސީމަކީ ވަރަށް ރަނގަޅު ކުއްޖެއް... މަޑުމަޑުން އޭނަ ހުންނާނީ... ދެ ކުދިން ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގުނަސް، ދެ މީހުން ވަރިވީ، އެކަކު އަނެކަކާއި ދޭތެރޭގައި ވިސްނާފައޭ އަހަރެން ބުނާނީ... ނަސީމަށް މަޖުބޫރު ކުރަނީ އޭނަގެ ބައްޕަ... ދަރިން ބޮޑެތިވީމަ، އެކުދިންގެ އަމިއްލަ ނިންމުންތައް ނިންމަން ފުރުޞަތު ދޭންވާނެ... އެކަމަކު އަހަރެން މިއަދު ހިތަށް އަރާ، ޒުލޭހާ އާއިއެކު ކުޑަ މަންޖެ ނުފޮނުވުނު ނަމައޭ... އެކަމަކު ކީއްކުރާނީ... ތަޤްދީރުގައި ވާން ހުރި ގޮތަކަށްތާ ކޮންމެ ކަމެއް ވެސް ވާނީ..." މުޙައްމަދުފުޅު ދެރަވެލާފައި ބުންޏެވެ.
ބަޔާންތައް ނިންމާފައި ޔުނާން އާއި ލަޔާން މިޝްރާބުޖެހީ، ފުލުހުންގެ އިދާރާއަށް ދިޔުމަށެވެ. ޕާކު ކޮށްފައިވާ ސައިކަލާއި ދިމާއަށް ހިނގަމުން ދިޔައިރު، ދެ މީހުން ވެސް ތިބީ ފުން ވިސްނުމެއްގެ ތެރެއަށް ގޮސް ގެއްލިފަ އެވެ.
"އެ ދެ މީހުންގެ ކައިވެނި ކުރިއިރު، އެ ކައިވެނީގަ ވެސް ޤައްޔޫމު ބައިވެރި ނުވާ ކަމަށް ވަނީ... ވެދާނެ އެ ޤައްޔޫމުގެ ނުފޫޒު މާ ގަދަވީމަ ކަމަށް ދެ މީހުން ވަރިވީ... ދެމަފިރިންގެ މެދުގަ އެއްވެސް މައްސަލަ އެއް ނުޖެހޭ... ވަރިކޮށްފަ ވެސް އުޅެމުން އައީ އެހާ ލޯބިންނޯ... ބަރާބަރަށް އެބަ ބައްދަލު ކުރޭ... އެހެންވީމަ އެ ޤައްޔޫމު ހިތްހަމަނުޖެހިގެން އެ ދެ މީހުންގެ ދުވަސް ދުއްވާލީ ކަމަށް ވާނީ..." ލަޔާން ވާހަކަ ދެއްކީ އޭނައަށް ހީވާ ގޮތަށެވެ.
"އެކަމަކު، ޤައްޔޫމު ނުރުހެންޏާ، ދެ މީހުން އެގެއަށް ގޮސް، ބައްދަލު ކުރާނެ ހެން ހީވޭތަ؟... ނަސީމް އެ އުޅެނީ ޤައްޔޫމު މެންނާ އެކީ އެއް ގެއެއްގަ... ޒުލޭހާގެ ގެއަށް ނަސީމް ނާންނަނީ ކީއްވެ ޔޯ؟... ހީވޭތަ އެ މުޙައްމަދުފުޅު އެހަދަނީ ތެދު ހެން... އޭނަގެ އެބަހުރި ސިއްރުވެރި ގޮތެއް... މަ ދެކުނީމޭ އޭނަގެ ފައިގަ މަލަން އަޅާފަ އިންދާ... އާޙް... ދިސް ކޭސް އިޒް ވެރީ ކޮމްޕްލިކޭޓެޑް..." ޔުނާން އޭނާގެ ނިތްކުރިމަތީގައި އަތް ކާއްތައިލަމުން ބުންޏެވެ.
"ހަމަޖެހިގެން ހުރޭ... އަހަންނަށް އައިއްސި ވަރަށް މޮޅު ޚިޔާލެއް... ހިނގާ ސަރ މެންނާއި އެކީ އޮފީހުން މީޓް ކުރަމާ..." ޔުނާންގެ ބުރަކަށީގައި ޖަހައިލަމުން، ލަޔާން ވާހަކަ ދެއްކީ އައު ރޫހަކާއި އެކުގަ އެވެ.
ސައިކަލަށް އަރައަރައި ހުއްޓައި ޔުނާންގެ ފޯނަށް މެސެޖެއް އައެވެ. ފޯނު ބަލައިލުމާއިއެކު، އޭނަގެ ދެ ލޯ ބޮޑުވެގެން ދިޔަ އެވެ. އަތުން ދޫވެގެން ފޯނު ނުވެއްޓުނީ ވެސް ކިރިޔާ އެވެ. ދެ ފައިގެ ވަރު ދޫވެގެން އޭނައަށް ސައިކަލުގައި ބާރަށް ހިފަހައްޓާލެވިއްޖެ އެވެ.
"ކިހިނެތްވީ؟..." ލަޔާން އޭނަގެ ސައިކަލަށް އަރަން ގޮސްފައި އަނބުރާލާފައި ޔުނާންގެ ކައިރިއަށް ދިޔަ އެވެ.
ޔުނާންއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނައަށް، ދިއްކޮށްލެވުނީ، ފޯނެވެ. ފޯނުގައި އޮތް އެއްޗެއް ބަލައިލުމާއިއެކު، ލަޔާންއަށް ވެސް ވީ އެވަރެވެ.
ފުލުހުންގެ ރަސްމީ ގްރޫޕްގައި އެވަނީ އީން ގެއްލުނު ވާހަކަ އިޢުލާން ކޮށްފަ އެވެ. އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކާފައި ހުއްޓެވެ. އެއްބަޔަކު ބުނަނީ އީންއަށް ހަޤީގަތް އެނގުމުން އެ މީހަކު އޭނަގެ ދުވަސް ދުއްވާލީ ކަމަށެވެ.
********
ކާވިންގެ ދެ އަތް ވަނީ މުށްކެވިފަ އެވެ. ފެހިޒާދީ ގޭގެ ތެރޭގައި އޭނަ ހުރިއިރު، އެ އަތުގައި އީން ގެންގުޅުނު ހަތިޔާރު އޮތެވެ. އެ ދެ ލޯ މަޑު ނޫކުލައިން ދިއްލިފައިވީއިރު، އީން ގެއްލުނު ހާދިސާ އޭނަގެ ލޯ މަތީގައި ސިފަވަމުން ދަނީ އެވެ. ކާވިންގެ ނޭވާ އަވަސްވި އެވެ. އޭނަ އެ ގެއިން ނުކުމެގެން ހިނގަމުން ދިޔައިރު، ދެ ލޮލުން ދިއްލިފައިވާ މަޑު ނޫކުލައިގެ އަލިކަމުގެ ތެރެއިން ދާންވީ މިޝްރާބު ބުނެދޭ ކަހަލަ އެވެ.
ވަކި ހިސާބަކަށް ގޮސްފައި ކާވިން ދުއްވައިގަތެވެ. އޭނަ ދިޔައީ، ރަށުގެ އެކަހެރި ހިސާބެއްގައި ހުރި ފަޅު ގެ އަކާއި ދިމާއަށެވެ. އެ ހަނދާނަށް އައީ އޭގެ ސާދަ އަހަރު ކުރި އެވެ. ނުބައި ޤާތިލެއްގެ އަތްދަށުވެގެން ދާރިޔާ އޭނަގެ ފަހު ނޭވާ ދޫކުރީ އޭނަގެ ކުރިމަތީގަ އެވެ. އެފަދަ ގޮތެއް އީންއަށް ވާކަށް އޭނަ ނޭދެ އެވެ. އެ ދުވަހު އެމީހެއްގެ ކުރިމަތީގައި އޭނަ އަކީ ނިކަމެއްޗަކަށް ވިޔަސް، މިއަދު އޭނައަކީ، އާދައިގެ އިންސާނެއް ނޫނެވެ. އޭނައަށް ލިބިފައިވާ ބާރުތަކުގެ ބޭނުން ހިފާނީ، އެ މީހަކަށް ޙައްޤު އަދަބު ދިނުމަށެވެ.
********
އެސްފިޔަތައް ތަޅުވައިލާފައި އީން އޭނާގެ ދެ ލޯ ހުޅުވައިލި އެވެ. ފެންނަމުން ދިޔައީ ކަނު އަނދިރި ކަމެވެ. އީން ތެޅިގަތެވެ. އެ އަނދިރި ކަމުގެ ތެރެއަށް އޭނަގެ ދެ ލޮލެއް ނުހޭނުނެވެ. ދެ އަތާއި ދެފައި ބަނދެފައި އޮތުމުން، ސަލާމަތްވުމަށް މާ ބޮޑުކަމެއް ނުކުރެވުނެވެ. ކުއްލިއަކަށް އިވުނީ ދޮރެއް ހުޅުވައިލުމުން ގޮވާ ޒާތުގެ އަޑެކެވެ. އީންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން އަތުގައި އައްސާފައިވާ ވާގަނޑު މޮހާލެވޭތޯ އުޅެން ފެށި އެވެ.
ކުޑަ އިރުކޮޅެއް ފަހުން އިވެން ފެށީ ފިޔަވަޅު ތަކެއްގެ އަޑެވެ. ލަސްލަހުން ނަގަމުންދިޔަ އެ ފިޔަވަޅުތަކުގެ އަޑު އަންނަމުން ދިޔައީ އީން އާއި ދިމާއަށެވެ. އީންގެ އެސްފިޔަތައް ފޫދުއްވާލާފައި ހޫނު ކަރުނަތައް އޮހެން ފެށި އެވެ. ބިރުން މުޅި އެ ހަށިގަނޑު ތުރުތުރު އަޅަނީ އެވެ. އޭނަ ދެ ލޯ މަރައި ބާރުކޮށްލީ، އެންމެ ފަހު ވަގުތުކޮޅު އައީހެން ހީވުމުންނެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ