ކަސްޓަމްސް ވަގުތީ ގޮތުން ހިންގަވާނީ އަބްދުﷲ ޝަރީފް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބޭފުޅަކު އައްޔަން ކުރައްވަންދެން އެ އިދާރާ ހިންގަވާ އިސްވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފް ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމު ހުސްވީ، ޑިސެމްބަރު 11، 2018 ން ފެށިގެން އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން މިދިޔަ އަންގާރަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ، އިންޑިއާގެ ބެންގަލޫރުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް މީގެ ހައެއްކަ މަސް ކުރިން ނުއުމާން 47، އިންޑިއާ އަށް ފުރާވަޑައިގަތުމުން ވެސް ދުވަހުން ދުވަހަށް ކަންކަން ނިންމަވަމުން ގެންދެވީ އަބްދުﷲ ޝަރީފެވެ.
އޭނާ އަކީ މީގެ 26 އަހަރު ކުރިން ކަސްޓަމްސްގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަބްދުﷲ ޝަރީފް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި 8 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ